އެސްޓީއޯއިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ފަށާ ރަމަޒާން ބާޒާރު މިއަހަރުވެސް ފަށައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޭލް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. ސޭލް ފެށުމުގެ ގޮތުން އަމްރު ވަނީ ކަރައެއް ފަޅުއްވާފައެވެ.

Ad
rt

އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލް ކުރިއަށްދާނީ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ތަކެތިން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ސޭލްގައި އެސްޓީއޯއިން ވަނީ ފުރަތަމަ ފަހަރަށް ޑިޖިޓަލް ކޫޕަން ބޭނުން ކުރަން ނިންމާފައެވެ. އެގޮތުން، ކުރާ ކޮންމެ 1000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޑިޖިޓަލް ކޫޕަން ބޭނުން ކުރަން ނިންމީ ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރު ކުރުމަށެވެ. އެ ކުންފުނިން ވަނީ އޮޕަރޭޝަންތަކުގައި ވެސް ކަރުދާސް ބޭނުން ކުރުން މަދުކޮށްފައެވެ.

މި ސޭލްގައި ކޮންމެ ހަފުތާއަކު ގުރުއަތުން ނަސީބުވެރިއަކު ހޮވާނެއެވެ. އަދި މުޅި ޕްރޮމޯޝަނުގެ ގުރުއަތުން އެއްވަނައަށް ހޮވޭ މީހަކަށް ތުރުކީގެ ދެކޮޅު ޓިކެޓާއި އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ލިބޭނެއެވެ.

މީގެ އިތުރުން ގުރުއަތުން ހޮވާލާ އިތުރު 10 ނަސީބުވެރިންނަށް ވެސް އަގުހުރި އިނާމްތަކެއް ވެސް އެ ކުންފުނިން ވަނީ ހުށަހަޅާފައެވެ.