އެމްޑަބްލިއުއެސްސީން އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

އެމްޑަބްލިއުއެސްސީން މިރޭ ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ތަކެތި ޕްރޮޖެކްޓް ސައިޓަށް ގެންގޮސަފައިވާ ކަމަށެވެ.

Ad
rt

ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 2.75 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާރްކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓާނެއެވެ. އަދި ފެން ރައްކާކުރުމަށް ތިން ތާންގި ބެހެއްޓުމާއި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ ދަށުން 2.30 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް، 374 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކުރުމާއި، ދެ ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގެތަކުގައި ޖަންގްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނުވެސް ފޯރުކޮށްދޭނީ އެމްޑަބްލިއުއެސްސީންނެވެ.

މިެީ 45.12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.