ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

Ad
rt

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހާބަރު ޕޭވްމަންޓްގެ މަސައްކަތް މިހާރުވަނީ ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިބމަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ބޭރުތޮށި ލުމާއި، 152 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 45.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.