އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފިއެވެ.

މިއަދު މި މަގާމަށް އައްޔަން ކުރީ ގަތަރުގެ ރައްޔިތެއް ކަމަށްވާ ޚާލިދް ހަސަން އެމް އޭ އަލް-ހަމާދީ އެވެ. އޭނާއަށް އުރީދޫ އިން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ.

Ad
rt

ޚާލިދަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމާ ސޭލްސްގެ ސީނިއާ ޑައިރެކްޓަރު އަދި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ފަދަ އިސް މަގާމުތައް ވެސް އަދާ ކުރައްވާފައެވެ.

މީގެ އިތުރުން، ތެލާއި ގޭސް ސިނާއަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާއިރު، ޙާލިދު ވަނީ އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިން އެންޑް ސްޓްރެޓެޖީގެ މަގާމުގައި މަސައްކަތްކޮށް، އެ ކުންފުނީގެ ސޭލްސް އެންޑް ސަވިސް ގެ ރީއޯގަނައިޒޭޝަން އިނިޝިއޭޓިވްގެ ކަންތައްތައް ތަންފީޒުކުރުމުގައި އިސް ރޯލެއް އަދާކުރައްވާފައެވެ.

ޚާލިދަކީ މެނޭޖްމަންޓާއި، ކްރިއޭޓިވް އިނިޝިއޭޓިވްސް އާއި ދެމެހެއްޓެނިވި ކުރިއެރުމާއި ޕްރޮސެސް ތަންފީޒުކުރުމާއި ތަފާސް ހިސާބުތައް ދިރާސާކުރުމުގެ ތަޖުރިބާ ލިބިފައިވާ ސަރޓިފައިޑް ކޮލިޓީ އޮޑިޓަރެއްގެ އިތުރުން ސަރޓިފައިޑް ޓްރެއިނިން މެނޭޖަރެއްވެސް މެއެވެ. ޚާލިދު ވަނީ ޔުނިވާސިޓީ އޮފް އެރިޒޯނާ އިން ބެޗެލާ އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިން ހާސިލުކުރައްވާފައެވެ.

ޙާލިދުގެ ކުރިން މި މަގާމު އަދާ ކުރެއްވީ ނަޖީބު ޚާންއެވެ. އޭނާ ކޮށްދެއްވި ބުރަ މަސައްކަތަށާއި ހޯއްދެއްވި ކާމިޔާބީއަށް އުރީދޫ އިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ނަޖީބް ވަނީ ޑިޖިޓަލައިޒޭޝަން ގެ ދާއިރާގައި ރާއްޖެ އާއި އުރީދޫ މޯލްޑިވްސް އަށް ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާދީފައެވެ. އޭނާ ހިންގުމުގެ ދަށުން ކުންފުނިން ވަނީ ތަފާތު ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ޑިޖިޓަލް ލައިފް ސްޓައިލް ކުރިއެރުވުމުގެ މަސައްކަތްތައް ކޮށްފައެވެ. މީގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" އާއި ޑިޖިޓަލް ފައިނޭންޝަން ސަރވިސް "އެމް-ފައިސާ" އަދި އޮންލައިން ސްޓޯ "ކާރތީ ސްޓޯ" މެދުވެރިކޮށް މުނިފޫހި ފިލުމުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން، ނަޖީބްގެ ލީޑާޝިޕްގެ ދަށުން އުރީދޫ އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި، ކޯޕަރޭޓްސް އާއި ސަރުކާރު މުއައްސަސާތަކާއި، ރިސޯޓް ބިޒްނަސްގެ ޕޯޓްފޯލިއޯ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި، ހިރާއްޖޭގައި އަލަށް ޑޭޓާ ސެންޓަރެއް ގާއިމުކޮށް، ބިޒްނަސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކަނެކްޝަން އިތުރަށް ވަރުގަކޮށްދީ ސްޓޯރޭޖްއާއި ސްކިއުރިޓީ އަދި އައިޓީ ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދީފައި ވަނީވެސް ނަޖީބުގެ މެނޭޖްމަންޓުގެ ދަށުންނެވެ.