މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހިންގާ “ހުނަވަރު” ޕްރޮގްރާމްގެ ދަށުން 140 އަށްވުރެ ގިނަ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެކި ވަޒީފާތަކަށް ހޯދުމަށް އެމްޓީސީސީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރާނެއެވެ.

Ad
rt

މި ޕްރޮގްރާމް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިން ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. ޕްރޮގްރާމް ކުރިއަށްދާނީ ތިން މަހުގެ މުއްދަތަކަށެވެ.

އެމްޓީސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ ކުންފުނީގައި ވަޒީފާ އެބަހުރި ކަމަށާއި މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ފުރިހަމަކުރުމުން އެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ވަޒީފާ ނެތް ކަމަށް ބުނާ ވަރަށް ގިނަ ކުދިން ރަށްރަށުގައި ތިބި އިރު، ހުނަވަރު ޕްރޮގްރާމަކީ އެ ކުދިންނަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތަމްރީނުގެ ފުރުސަތު ހުޅުވައިލި ދާއިރާތައް
* ބަސް ޑްރައިވަރު: 50 ފުރުސަތު
* އެކްސްކެވޭޓަރު އޮޕަރޭޓަރު: 20 ފުރުސަތު
* ކްރޭން އޮޕަރޭޓަރު: ފަސް ފުރުސަތު
* ލޯޑާ އޮަޕަރޭޓަރު: 10 ފުރުސަތު
* ސައިޓް ސުޕަވައިޒަރު: 15 ފުރުސަތު
* ވެލްޑަރު: 20 ފުރުސަތު
* މެރިން މެކޭނިކް: 10 ފުރުސަތު
* ޓަގް މެކޭނިކް: 5 ފުރުސަތު
* ޓިންކާ: 5 ފުރުސަތު

“ހުނަވަރު” ޕްރޮގްރާމްގެ ދަށުން ތަމްރީން ހާސިލްކުރާ މީހުންގެ ތަމްރީނުްގެ މުއްދަތުގައި ކޮންމެ މަހަކު 5،000ރ. ގެ އުޖޫރައެއް ލިބޭނެއެވެ. އަދި ވޯކް ސައިޓުގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ނަމަ ހުރުމާއި ކެއުން ހަމަޖައްސައިދޭނެއެވެ.

މި ޕްރޮގްރާމް ނިންމާ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭ އިރު، ހުރިހާ ވަޒީފާތަކަށްވެސް 10،000ރ. އާއި 25،000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.

އެމްޓީސީސީން މިއަހަރުގެ ހުނަވަރު ޕްރޮގްރާމުގެ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ އާއި ލ. ފޮނަދޫ އަދި މާލޭގައެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ މީހުންނަށް info@mtcc.com.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.