މިއަހަރުގެ ރޯދަ މަހު އާ އުފެއްދުމެއް ތައާރަފުކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، މިފްކޯގެ ލައިފްސްޓައިލް ނުވަތަ ރޭޑީ ޓު އީޓް އުފެއްދުންތައް މިހާރު ވެސް ބާޒާރުން ލިބެން އެބަހުރި ކަމަށެވެ.
އެގޮތުން މިހާރު މަސައްކަތް ކުރަނީ އެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރަން ޕްރޮޑަކްޝަން ރޭޓު އިތުރުކުރަން ކަމަށާއި އެ އުފެއްދުންތައް ތައްޔާރުކުރާ ފެސިލިޓީތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލަށް ބާޒާރަށް އުފެއްދުމެއް ނެރޭނެ ކަން ފައުޒީ ފާހަގަ ކުރެއްވި ނަމަވެސް އެ އުފެއްދުމާ ބެހޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ.
މިފްކޯއިން މިހާރު އަންނަނީ ރެޑީ ޓު އީޓު އަށް އުފެއްދުމެއް ވިއްކަމުންނެވެ.
ޔޫރަޕަށާއި އޭޝިއާގެ ގައުމުތަކަށް މިފްކޯގެ އުފެއްދުންތަކުގެ ސާމްޕަލް ފޮނުވާފައިވާކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، އެ ގައުމުތަކުގައި މިފްކޯގެ އުފެއްދުންތަކަށް ބޮޑު ޑިމާންޑެއް އޮތް ކަމަށެވެ. އަދި މިފްކޯގެ އުފެއްދުންތަކަކީ ޔޫރަޕުން ގަބޫލުކުރާ އުފެއްދުންތަކެއްވުމުން ކޮލިޓީ ކޮމްޕްރޮމައިޒް ނުކުރާކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!