މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ބުނެފައިވާ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑްތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައި މިވަނީ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަކީ ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަންތަންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ފާހަގަކޮށްފައިވުމުން ކަމަށެވެ.
އެގޮތުން އެ އޮފީހަކީ ރައްޔިތުންގެ އައި.ޑީ ކާޑު ހަދައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ އޮފީސްކަމަށްވުމުން ގިނަ އަދަދެއްގެ މީހުން އެ ތަނަށް އެއްވުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން މުއްދަތު ހަމަވާ އައިޑީކާޑުތައް 31 ޖުލައި 2022ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށް ޑީ.އެން.އާރު އިން ވަނީ ބުނެފައެވެ.
ކާޑުތަކުގެ މުއްދަތު އިތުރުކޮށްފައި ވީނަމަވެސް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް (ވެބް ޕޯޓަލް މެދުވެރިކޮށް) ކާޑު ހެދުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
މީގެ އިތުރުން އެފަރާތުން ވަނީ ޢާއްމު ރައްޔިތުންނަށް އައި.ޑީ ކާޑު މެދުވެރިކޮށް ޚިދުމަތް ދެއްވާ އެއްމެހައި މުވައްސަސާތަކުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި އެނިންމުމާއި އެއްގޮތަށް ޚިދުމަތް ދެއްވުމަށް އެދިލައްވާފައެވެ.
ރާއްޖެއިން ކޯވިޑް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިފަހުން އިތުރުވާން ފަށާފައި ވުމާއިއެކު މިއަދުވެސް ވަނީ މި ބަލީގައި މީހަކު ނިޔާވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ވަނީ 2349 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 1325 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 681 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 54 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް 114،977 މީހުން މިބަށްޔަށް ޕޮޒިޓިވްވެފައި ވެފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 13،035 އެވެ. މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދަކީ 270 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!