މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އޭޓީއާރުގެ ތިން ބޯޓު ގަނެފިއެވެ.
އެ ކުންފުނިން ގަނެފައި ވަނީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި އޭޓީއާރު 42-600ގެ ބޯޓެކެވެ. މިއީ އެ ކުންފުނިން ގަތް ފުރަތަމަ އޭޓީއާރު ބޯޓުތަކެވެ.
މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނީ ތިން ބޯޓަކީ ވެސް ތެލުގެ ހަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި އިންޖީނު ބޭނުން ކޮށްފައިވާ ބޯޓުތަކެއް ކަމަށެވެ. އަދި މިއީ މި ވަގުތު މާކެޓުގައި ހުރި އޭޓީއަރު ބޯޓުތަކާ އަޅާ ބަލާއިރު ތެލުގެ ހަރަދު ތިން އިންސައްތަ ކުޑަ، އަދި މަރާމާތުގެ ހަރަދު 20 އިންސައްތަ ކުޑަ ބޯޓުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ މި ބޯޓުތަކުގެ ސަބަބުން ދިވެހިންނާއި ފަތުރުވެރިންނަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އެ ކުންފުނީގެ ފްލީޓު ބަދަލު ކުރާއިރު އޭޓީއާރަކީ މި ވަގުތު މާކެޓުގައި ހުރި އެންމެ ރަނގަޅު ބޯޓުތައް ކަމަށެވެ. އަދި މިއީ ކުންފުނީގެ ކުރިއެރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭޓީއާރުގެ ސީއީއޯ ސްޓެފާނޯ ބޯޓޮލީ ވިދާޅުވީ އެ ކުންފުނީގެ ބޯޓުތަކަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނަ ބޯޓުތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!