ނ. މާޅެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ހޮޅި ވަޅުލުމާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ އާރުއޯ ދެ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި, ސީ އައުޓްފޯލް އާއި ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަނީ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
މިއީ 42.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!