ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރަން ހުޅުވާލައިފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި އެ އަތޮޅުގައި ރިސޯޓު ހަދަން ހުޅުވާލީ ށ. މެދުރަށާއި ދިގުރަށާއި މައިރަށެވެ. 19 ހެކްޓަރުގެ މި ތިން ރަށް ދޫ ކުރާނީ 1.2 މިލިއަން ރުފިޔާ އަށެވެ.

Ad
rt

ސަރުކާރުން ށ. އަތޮޅުގެ އިތުރު ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލިއިރު މިހާރު ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން ގެންދަނީ ށ. އަތޮޅަށް ތަރައްގީ ގެނައުމަށް ޕްރޮޖެކްޓުތައް އިއުލާން ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާ އަށް ހާއްސަކޮށް، އާ ޕްރޮޖެކްޓްތައް އިއުލާނު ކުރާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިދިކޮޅުން ބުނާ ގޮތުގައި މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަންތައްތަކެކެވެ.

ށ. އަތޮޅުގެ ތިން ރަށެއް ލިސްޓަށް އިތުރުކޮށް، ރިސޯޓު ހަދަން އިއުލާނު ކުރިއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ސަރުކާރުން ވަނީ 10 އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައިފައެވެ. މި ރަށްތަކުގެ އަގުތައް ވެސް ވަނީ މިހާރު އިއުލާން ކޮށްފައެވެ.