ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެއެވެ.

އެތަނުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި ދެ ހިދުމަތް ވެސް ކެނޑުނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ.

Ad
rt

މިކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ބަޔަކު ކޮންނަނިކޮށް ކަރަންޓު ކޭބަލަކަށް ގެއްލުން ވުމުން ކަމަަށެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން މައާފަށަ އެދިފައެވެ.

ހިޔާ ފްލެޓުތަކަކީ ގިނަ ބަޔަކު ދިރިއުޅޭ ތަނަކަށްވާއިރު އެތަނުން ކަރަންޓު ދިއުމަކީ އެތައް ބަޔަކަށް ދަތިވާނެ ކަމެކެވެ. ބައެއް މީހުން ލިފްޓުތަކުގައި ތާށިވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބެލެވޭ ގޮތުގައި ފެން ވެސް ކެނޑުނީ ކަރަންޓު ކެނޑުމުންނެވެ. ނަމަވެސް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.