ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މެނޭޖީރިއަލް ޓްރެއިނިން ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.
ސްޓެލްކޯއިން މި ޓްރެއިނިން ކުރިއަށް ގެންގޮސްފައިވަނީ، މައިގަނޑު ތިން ބަޔަކަށް ހާއްސަ ކޮށްގެންނެވެ. އެއީ ލީޑަޝިޕް ސްކިލްސް އާއި ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސްއެވެ.
ތިން ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޓްރެއިނިންގައި، މިޑްލް މެނޭޖްމަންޓުގެ 45 މުވައްޒަފަކު ވަނީ ފުރިހަމަ ކޮށްފައެވެ. މި މުވައްޒަފުންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.
ސްޓެލްކޯއިން ބުނީ، މިއީ އެ ކުންފުނީގެ ތާރީހުގައިވެސް ކުންފުނީގެ ކުރިމަގު ބައްޓަންކުރުމަށްޓައި، ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާ ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެއިނިން ކަމަށެވެ. މީގެ ކުރިން މިފަދަ ތަމްރީނުތައް ދީފައިވަނީ ސީނިއާ މެނޭޖްމަންޓަށެވެ.
މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމަކީ މިފަދަ އެހެން ޕްރޮގްރާމްތަކެއްގެވެސް ފެށުން ކަމަށާއި، ކުރިއަށްއޮތް ތަނުގައި މިފަދަ އެހެން ޕްރޮގްރާމުތައްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.އަދި މި ޓްރެއިނިންއާއެކު، ކުންފުނި ކުރިއަށްދާ ސްޕީޑާ އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“މިއީ މި ކުންފުނީގެ ލީޑާޝިޕް ސަކްސަޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑާސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަން ތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންތަކެއް ދެވި، ކުންފުނީގެ ވިޝަންއާއި މިޝަންއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ،" މުޣުނީ ވިދާޅުވިއެވެ.
މުޣުނީ އިތުރަށް ވިދާޅުވީ މިފަދަ ޓްރެއިނިންތަކާއެކު، ކުންފުނީގައި ކުރިން ހުރި ސަގާފަތްތައް ބަދަލުވެގެން އަންނަ އިރު، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތްތެރި، ތެދުވެރި، އަދި އަހުލާގު ރަނގަޅު ބަޔަކަށް ހަދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!