ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި، އިބްރާހިމް ތޯހާއެވެ.
މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށްދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެމްއޭސީއެލްއަކީ ގައުމުގެ އިގުތިސޯދަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓަރަށްވާއިރު އެ ކުންފުނީގެ ކުރިއެރުމަކީ މުޅި ގައުމަށްވެސް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
އަދި ގައުމުގެ ތަރައްގީ އާއި ކުރިއެރުމާ ގުޅުންހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.
އަދި އެމްއޭސީއެލުން ހުޅުލެއަށް ކަރަންޓު ދެމުންގެންދާއިރު، ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށާއި ސްޓެލްކޯއިން އެ ހިދުމަތް ދޭން ފެށުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!