އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނިކޮށް އިންޑިއާގެ ނޭވީއިން ހިފެހެއްޓި [އަންބަރީ] ދޯނި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދޫކޮށްލާފައިވާތީ އެކަމަށް މިމިނިސްޓްރީގެ ފަރާތުން މަރުޙަބާ އާއި ޝުކުރު ދަންނަވައިފިއެވެ.
މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ޙަރަކާތެއް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުން ބޭރުގައި، އަދި އެސަރަޙައްދެއް ނިސްބަތްވާ އައްސޭރިފަށުގެ ގައުމުގެ ހުއްދަ ނުހޯދައި ޙަރަކާތްތެރިވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ (އަންކްލޮސް) އާއި އަދި އިންޑިއާ ކަނޑުގެ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ގަވާޢިދުތަކާއި ޚިލާފު އަމަލެކެވެ.
އެގޮތުން މިފަދަ ގޮތަކަށް ޙަރަކާތްތެރިވަމުންދަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރުތަކުގެ ތަޙުގީގު މަރުހަލާއަކީ ދިގު މަރުހަލާއަކަށް ވާއިރު މިމަރުހަލާ ނިމުމަށްފަހު ބޮޑެތި އަދަދުތަކުން މިފަދަ އުޅަނދުފަހަރު ޖޫރިމަނާކުރުމަކީ އާއްމުކަމެކެވެ.
އެހެންނަމަވެސް، [އަންބަރީ] އުޅަނދުގެ ތަހުގީގު ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި، އެއުޅަނދު ދިވެހިރާއްޖެއަށް އަނބުރާ އައުމަށް ދޫކޮށްލާފައިވާތީ، މިނިސްޓްރީން އެކަމަށް ޝުކުރު އަދާކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންނާއި، އިންޑިއާގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުންނާއި، އެމްބަސެޑަރ ސަންޖޭ ސުދީރު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަމެވެ.
އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދުގައި ގަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވުމަކީ މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެކަމަކަށް ވާއިރު އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އަދި އޭގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް އެފަރާތުގެ ބަޔާނުގައި ވެއެވެ.
ދިވެހި މަސްވެރި އުޅަނދުފަހަރު ޤާނޫނާއި، ގަވާއިދާ ޚިލާފު މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް މިމިނިސްޓްރީއިން އިލްތިމާސްކުރާކަމަށާއި މިފަދަ އުޅަނދުފަހަރަށް މަސްވެރިކަންކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި އެފަރާތުން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!