ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ވ. ވަށުގިރީގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން އެތަނުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވަށުގިރި ރިސޯޓް ހަދަމުންދާ ކުންފުނި ކަމަށްވާ ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައިވަނީ މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ގަވާއިދާ ޚިލާފަށް ކޮށްފައިވާތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުންކަމަށެވެ.
އެގޮތުން މި ޤާނޫނޫގެ ދަށުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އެ ކުންފުނި ވަނީ ޖުމްލަ 593،750 (ފަސް ލައްކަ ނުވަދިހަ ތިންހާސް ފައްސަތޭކަ ފަންސާސް) ދިވެހި ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
މި ޖޫރިމަނާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށްވެސް އެފަރާތަށް ވަނީ އަންގާފައެވެ.
ވަށުގިރީގައި ރިސޯޓު ހެދުމަށް އެރަށް އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!