ކ. މާފުށީ އަލަށް އިތުރުކުރެވުނު ބިމާއި ޕިކްނިކް އައިލެންޑް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

މި ދެ ތަން ކައުންސިލާ ހަވާލު ކުރީ އިއްޔެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ކ. މާފުށީ ފަޅުގައި އަލަށް ހިއްކި ޕިކްނިކް އައިލެންޑުގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކައި 1,100 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 118.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 64 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާއިރު މީގެތެރެއިން 14 މަޝްރޫއަކީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެމަޝްރޫއެވެ.

މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ދެ ހެކްޓަރުގެ ބިން ހިއްކުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 10.89 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއަހަރުތެރޭ އެމްޓީސީސީން ވަނީ 3 ޕިކްނިކް އައިލެންޑްއެއް މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. މީގެތެރެއިން 2 ޕިކްނިކް އައިލެންޑްގެ މަސައްކަތް ވަނީ ނިމިފައެވެ.