އަންނަ އަހަރުން ފެށިގެން ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އަޅަންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ބުނެފި އެވެ.
އެއިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދު (2021/R-131) ގެ 19 ވަނަ މާއްދާގެ (ރ) ގައި ވާ ފަދައިން، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ ފަރާތް 01 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން، ސީޓްބެލްޓް އެޅުމަށް ޢާންމުކޮށް އަންގާ އިޢުލާންކުރާކަމަށެވެ.
އެހެންކަމުން ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ ފަރާތްތަކުން މިއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވާކަމަށް އެއިދާރާގެ އިޢުލާނުގައި ބުނެފައިވެއެވެ.
އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދު (2021/R-131) ގެ 19 ވަނަ މާއްދާގެ ރ ގައި ބުނެފައިވަނީ، "30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަޙައްދުތަކުގައި ނުވަތަ މަގުތަކުގައި B0 ،B1 އަދި B2 ގިންތީގެ އުޅަނދެއް ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގައި ތިބޭ މީހުން ސީޓްބެލްޓް އަޅަންވާނެ" ކަމަށެވެ.
ކާރު ތަކުގައި ދަތުރު ކުރާއިރު، ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސީޓް ބެލްޓު އެޅުން މަޖުބޫރު ކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަމަށް ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިއަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.
އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދު (2021/R-131) ތަސްދީގު ކުރެއްވީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!