މަހުގެ ބާވަތްތައް ތައްޔާރު ކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިފްކޯ އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، މަހުން އެކި ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިން ޖަމިއްޔާ އިން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން މިހާރު ވެސް ގޭގޭގައި އުފައްދައި، ވިއްކަމުންދާ އެކި ބާވަތްތަކުގެ ކާނާ ބަންދުކޮށް، ގިނަ ދުވަހު ގެންގުޅުމަށް ބޭނުންވާ ހުނަރު ދަސްކޮށްދޭނެއެވެ.

Ad
rt

މަސްވެރިން ޖަމިއްޔާ އާއި ގެމަނަފުށީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތަމްރީނު ޕްރޮގްރާމް އޮންނާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމުގެ ކްލާސްތައް ނަގައިދޭނީ މިފްކޯގެ މަސް ފެކްޓްރީގައި އިސްކޮށް އުޅުއްވާ ފަންނީ ބޭފުޅާއެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ ތެރެއިން އެއް ބައިވެރިއަކަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން މިފްކޯގެ ކަނޑުއޮށްގިރީގެ މަސް ފެކްޓްރީގައި ދެ ދުވަހުގެ ތަމްރީނު ދޭނެއެވެ. އަދި އެ ބައިވެރިއަކު އުފައްދާ ބާވަތެއް ބާޒާރަށް ނެރުމަށް ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދީ، ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުގައި ވިއްކުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން 7474720 ނުވަތަ 7645611 ނަމްބަރަށް ގުޅައިގެން ނަން ނޯޓު ކުރުމަށް މިފްކޯ އިން އެދެއެވެ.