ފާއިތުވެގެން ދިޔަ ދެ އަހަރަކީ އެމްޓީސީސީގެ ތާރީހުގައި ވެސް އެންމެ ހަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އެމްޓީސީސީއަށް 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ލާމަރުކަޒީ ތަރައްގީގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ހިދުމަތްތައް ގާއިމުކޮށްގެން ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަހައްދަކުން، އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުންކަމަށެވެ. އެހެންވެ، އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާއޭ ދެންނެވިދާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޓީސީސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ކުންފުންޏެއްކަމަށެވެ.
މީގެ އިތުރުން ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމްޓީސީސީއާއި ބޮޑު މަޝްރޫއެއް ހަވާލުކޮށްފައިވާކަން ހާމަކުރައްވައި، ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ހިދުމަތް ފެށުމަށް، އެމްޓީސީސީ އިން ތައްޔާރުވަމުންއަންނަ ކަމަށެވެ. އަދި މިފަދަ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުސަތުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެމްޓީސީސީން ކުރާ މަސައްކަތަށް ވެސް ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ. އެގޮތުން، އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، 3 އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަން ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!