ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބ. މާޅޮހު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

Ad
rt

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އަބްދުﷲ އާއި ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް އަދި މާޅޮހު ކައުންސިލް ރައީސް އަބްދުﷲ ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް މިހާރު ގެންގޮސްފައިވާއިރު، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެންޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 23 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.94 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ރައްކާތެރިކަމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގެތަކުގައި ފެންމީޓަރު ބަހައްޓައި، ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.

މާޅޮހު ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 4.50 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 2 ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގެތަކުގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.

މީގެ އިތުރުން އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނުވެސް އެމްޑަބްލިއުއެސްސީން ފަޮރުކޮށްދޭނެއެވެ.

މިއީ 60.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.