ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސްގެ އަންނަ އަހަރުގެ ޑެސްކް ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ.

މި ކަލަންޑަރުގައި އުރީދޫން ވަނީ އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ބޭނުންކޮށްފައެވެ. މީގެ ސަބަބުން ކަލަންޑަރުގައި ހިމަނާފައިވާ ރާއްޖޭގެ ރީތި ދިރުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިރިތިބި އެއްޗެހި ގޮތަަށް ދައްކުވައިދޭނެއެވެ.

Ad
rt

އުރީދޫގެ މި ކަލަންޑަރު ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާންއެވެ.

މި ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ފެންނާނެއެވެ. ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހާގައި އޮގްމަންޓެޑް ރިއަލިޓީ ތަޖުރިބާ ކުރެވޭނީ ސްނެޕްޗެޓް ކޯޑް ސްކޭންކޮށްގެނެވެ.

އޭއާރް ފީޗާގެ ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ ދިރުންތައް ތައްޔާރުކޮށްލެވޭ އޮރިގާމީ ކަރުދާހެއްވެސް ވަނީ ކަލަންޑަރުގައި އެކުލަވައިލައިފައެވެ. ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް ސްޓެޕް ބައި ސްޓެޕް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އެގޮތުން އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ފެންނާނެއެވެ.

އަންނަ އަހަރު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ރާއްޖެ ތައްޔާރުވަމުންދާއިރު، އުރީދޫ މި ކަލަންޑަރު، ޑިޒައިން ކުރެވިފައިވަނީ މި ހަފްލާއާއި ގުޅުވާލާ ރާއްޖޭގެ ރީތިކަމާއި ތަފާތު ދިރުންތައް ކުރިއެރުވުމަށް ކަމަށް އުރީދޫން ބުންޏެވެ.

ރާއްޖޭގެ މި ނާޒުކު ދިރުންތަކުން ލިބިދޭ އިގްތިސޯދީ އަދި އިކޮލޮޖިކަލް މަންފާ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދިނުމަށް ރާއްޖޭގެ ނާޒުކު މާހައުލު ހިމާޔަތްކުރުމަށް މުޖުތަމައުތައް އިތުރަށް ހޭލުންތެރިކޮށް ދެމެހެއްޓެނިވި އާދަތައް އެކަށުމަކީ މުހިންމުކަމެއްކަމުގައިވެސް އެ ކުފުންނިން ބުންޏެވެ.