ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން 2022 ވަނަ އަހަރު ފެބްރުއަރީގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުން މިއަދު އީސީއަށް އަންގާފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން އެ ދާއިރާގެ ބައި އިލެކްޝަން މިފެށޭ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

މެންބަރު ހުސައިން އަވަހާރަވީ، އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ 1:24 ހާއިރުއެވެ.

ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ އިއްޔެ މެންދު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އާސަހާރާގައެވެ.

ހުސެންއަކީ ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ މެންބަރެކެވެ.