ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މި މަޝްރޫއު ނިންމާލާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގިރާ ސަރަހައްދަށް 8،100 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިއީ 8.9 މިލިއަން ރުފިގެ މަޝްރޫއެކެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމަށް ފަހު، އެމްޓީސީސީގެ އިޖުތިމާއީ މަޝްރޫއުގެ ދަށުން އެ ރަށުގެ ދޯނި އެހެލާ ސަރަހައްދު ލެވެލްކޮށްދީ، ރަށުގެ އެކި ސަރަހައްދު ސާފުކޮށްދީ، ރަށުގެ ބައެއް މަގުތައް ސާފުކުރުމާއި، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން އަށް މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުނިން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަތް މަޝްރޫއެއް އެ ކުންފުނިން ވަނީ ނިންމާފައެވެ.