ރ. ރަސްމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތުގެ 74 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އާ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް 377 މީޓަރުގެ ބޭރުތޮއްޓެއް ލާނެއެވެ. އަދި 600 އަކަ މީޓަރުގެ ޕޭވްމަންޓެއް ގަދައި ނެރުބައްތިއާއި މަގުބައްތިވެސް އެމްޓީސީސީން ހަރު ކުރާނެއެވެ.

މިއީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީއަކީ މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.

އެ ކުންފުނިން ދަނީ އެ ކުންފުނިން މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކަށް ވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ.