ޅ. ފެލިވަރުގައި މިފްކޯއިން ހިންގާ ފެކްޓްރީގައި މަސް ބަންދު ކުރުމަށްފަހު ބާކީ ހުންނަ މަސް މޮރިޝަސްގައި ބަންދު ކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މިފްކޯގެ ޗެއާމަން ހަސަން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފްކޯގައި ބަންދު ކުރެވެނީ ދުވާލަކު އެންމެ 50 ޓަނުގެ މަހަށްވާއިރު އެއީ ދުވާލަކު ދެތިން ދޯނިން ބާނާ މަހުގެ އަދަދު ކަމަަށެވެ.
މިގޮތަށް މިފްކޯއިން ގަންނަ މަހުގެ ތެރެއިން ބާކީ ހުންނަ މަސް ތާޒާ ކަނޑުމަހުގެ ގޮތުގައި ވިއްކާލަނީ ބޭރަށް ކަމަށާއި އޭގެ ސަަބަބުން ކުންފުންޏަށް ގެއްލުން ވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގެއްލުމުގައި ތައިލެންޑަށް މަސް ވިއްކުމަށްވުރެ ރަނގަޅު ގޮތެއް ހޯދަން ޖެހިފައިވާއިރު އެ މަސް މޮރިޝަސްގައި ބަންދު ކޮށްގެން ޔޫރަޕުގެ ގައުމުތަކަށް ވިއްކުމުން ރަނގަޅު އަގެއް ލިވޭބެ ކަމަށެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެލިވަރު އަދި ކޫއްޑޫ ފެކްޓްރީގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މޮރިޝަސްގައި މަސް ބަންދު ކުރަން ވިސްނަނީ މި މަސައްކަތް ނިމެންދެން ގެއްލުމުގައި މަސް ވިއްކުމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!