ފެން ކުންފުނި، އެމްޑަބްލިއުއެސްސީން އއ. ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒަމު ގާއިމު ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރު އިބްރާހީމް އަންވަރާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރާއި އެ ރަށުގެ ކައުންސިލުގެ ރައީސް އިސްމާއީލް ޝާހުއެވެ.

Ad
rt

މި މަޝްރޫއަށް ބޭނުންވާ ސާމާނުއެރަށަށް ގެންގޮސްފައި ވާއިރު، މިހާރު ކުރިއަށްދަނީ ހޮޅި ވަޅުލުމުގެ މަސައްކަތެވެ. އަދި ފެންޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ 35 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓައި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކަޝަން ގުޅައިދޭނެއެވެ.

އެ ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 5.05 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، 1.07 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގޭތަކުގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

މީގެއިތުރުން، އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނުވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 69.33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.