ޝައިޠާނުން ސިޙްރުވެރިޔާއަށް ޚިދުމަތްކުރަނީ ކީއްވެހެއްޔެވެ؟
ޝައިޠާނާއަކީ އިންސާނާގެ ޢަދުއްވެކެވެ. އެޝައިޠާނާ އިންސާނާ ސީދާވެގެންވާ މަގުން އެއްކިބާ ކުރުވައެވެ. އަދި އެޝައިޠާނާ އިންސާނާގެ ކައިރިއަށް ކޮންމެ ދިމާއަކުން އަދި ކޮންމެ މަގަކުން އާދެއެވެ. އެޝައިޠާނާގެ ބޭނުންވަނީ އިންސާނާ ﷲ ފިޔަވައި ޚަލްޤުތަކުންނަށް އަޅުކަން ކުރުމަށެވެ.
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ ﴿٨٣﴾ (ص: ٨٢ – ٨٣)
މާނައީ " އެކަލޭގެ ( ޝައިޠާނާ) ދެންނެވިއެވެ. ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންކުރެ، އިޚްލާޞްތެރިވީ އަޅުން މެނުވީއެވެ."
ޝައިޠާނާއަށް އަޅުކަންކޮށް އިސްލާމްދީނުން ބޭރުވެގެން ނޫނީ ސިޙްރުވެރިޔާއަށް ސިޙްރު ފުރިހަމައެއް ނުވާނެއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ.
وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ (البقرة: ١٠٢)
މާނައީ "... ތިމަންމެން ވާކަން ކަށަވަރީ އިމްތިޙާނެއް ކަމުގައޭ، ފަހެ، ( އެ ސިޙްރު ދަސްކޮށްގެން ) ކާފިރު ނުވާށޭ ވިދާޅުވެ ( ނަޞޭޙަތް ދެއްވުމަށް ފަހުގައި މެނުވީ، އެއްވެސް މީހަކަށް އެދެމަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ..." ))
އަޅާ ދީނުން ބޭރުވުމުން ފަހެ، ޝައިޠާނާއާއެކު އޭނާ ނަރަކައަށް އެއްލާލެވުނީއެވެ. އަދި މިއީ ޝައިޠާނާ އާދަމުގެ ދަރިން ސީދާމަގުން އެއްކިބާކޮށްލުމުގެ މަޤްޞަދެވެ.
ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. (( ޝައިޠާނާގެ އެންމެފަހުގެ ބޭނުމަކީ އިންސާނާ ޝައިޠާނުންގެ ތެރެއިން ޝައިޠާނަކަށް އަޅުކަންކުރުވުމެވެ. އަދި އޭނާއަށް ރޯދަހިފުމެވެ. އަދި އޭނާއަށް ނަމާދުކުރުމާއި އޭނާއަށް ޤުރުބާންތައް ކުރުމެވެ. އެއީ އެގޮތުން އެކަމެއްގައި އިޞްލާޙަށްވުރެ ފަސާދަ ބޮޑު އަދި އެކަމުގެ ފައިދާއަށްވުރެ ފާފަ ބޮޑު، ދުނިޔަވީ ކަމެއް (ސިޙްރިވެރިޔާ) އަށް ޙާޞިލުވެއްޖައުމަށް ދާންދެނެވެ.))(درء عارض العقل و النقل (5/65))
އަދި ޝައިޠާނާ ސިޙްރުވެރިޔާއަށް ޚިދުމަތްކުރަނީ ﷲގެ އަޅުތަކުންނަށް އުނދަގޫކުރުމަށެވެ. އަދި އެބައިމީހުންނާއި އެބައުމީހުންގެ އަނބިންނާއި އެބައިމީހުންގެ މުދަލާއި ދުރުކުރުމަށްޓަކައެވެ. އަދި އެބައިމީހުންގެ ދިރިއުޅުން ފަސާދަކުރުމަށެވެ. އަދި އެބައިމީހުންނަށް ގެއްލުންދިނުމަށެވެ. އަދި އެބައިމީހުންގެ މެދުގައި ބައިބައިވުމާއި ޢަދާވާތްތެރިކަން އުފެއްދުމަށްޓަކައެވެ.
ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ. فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ (البقرة: ١٠٢)
މާނައީ " ...ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ..."
އަދި ޝައިޠާނާ ޚިދުމަތްކުރަނީ އަޅުތަކުން ޢާލަމްތަކުގެ ވެރި ރައްބާއި ދުރުކުރުމަށްޓަކައެވެ. އަދި އެބައިމީހުން ޚިދުމަތްކުރަނީ އެއިލާހު ފިޔަވައި ޝައިޠާނުންނާއި އެޝައިޠާނުންނަށް އަޅުކަންކުރާ ސިޙްރުވެރިންނާއި ކާހިނުންނާއި ޢައްރާފުންނާއި ގުޅުން އުފެއްދުމަށެވެ.
ސިޙްރުވެރިންގެ މަކަރުވެރިކަން
ސިޙްރުވެރިންނަކީ ޝައިޠާނުންނަށް ޚިދުމަތްކުރާ މީހުންނެވެ. އަދި ޝައިޠާނާ އޭނާގެ ޝިރުކުގެ ތެރެއަށް ވެއްޓިފައިވާ އޭނާއަށް އަޅުކަންކުރާ މީހުންގެކިބައިން އެދެނީ ﷲގެ އަޅުތަކުން މަގުފުރެއްދުމަށެވެ.
ފަހެ، ސިޙްރުވެރިޔާ އޭނާގެ ގާތަށް އަންނަމީހުންނަށް ﷲ ނޫން ފަރާތަކަށް ޤުރުބާންކުރުމަށް އަމުރުކޮށްފާނެއެވެ. އެގޮތުން ފާޚާނަތެރޭގައި ކުކުޅެއް ކަތިލުމަށް ނުވަތަ ޤަބުރެއްގެކައިރީގައި ބަކަރިއެއް ކަތިލުމަށް އެއަންނަމީހާގެ ގާތުގައި ބުނެއެވެ. އަދި ފަހަރުގައި އެނާގެ ހަށިގަނޑުގައި ޝިރުކުގެ ތަވީދުތައް އެޅުމަށް ނުވަތަ އޭނާ ނިދާއިރު ބާލީސްދަށުގައި ތަވީދު ބެއްވުމަށް އަމުރުކޮށްފާނެއެވެ. ފަހެ، ސިޙްރުވެރިޔާ އޭނާގެ ގާތަށް އަންނަމީހާ ޝިރުކުގެ ތެރެއަށް ވައްޓާލައެވެ.
ނަބިއްޔާ ‘ ޙަދީޘް ކުރެއްވިއެވެ. « مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ »(1) މާނައީ " ތަވީދެއް އަޅައިފިމީހާ ފަހެ، ހަމަކަށަވަރުން ޝިރުކުކޮށްފިއެވެ. " އަދި މިއީ އެބައިމީހުންގެ މަކަރުވެރިކަމުން އަޅުތަކުން ޝިރުކުގެތެރެއަށް ވައްޓާލުމެވެ.
އަދި ސިޙްރުވެރިންގެ މަކަރުވެރިކަމުގެތެރެއިން ވެއެވެ. އެބައިމީހުން އެބައިމީހުންގެ ގާތަށް އަންނަ މީހުންނަށް އޮޅުވައިލުމުގެގޮތުން އެއަންނަމީހުންނަށް ދިމާވާ ބަލިތަކާއި ބަލިމަޑުކަން ބުނެދެއެވެ. އެބައިމީހުން ފަހެ، އެއްވެސްމީހަކު އެބަލިތަކުން ސަލާމަތްނުވާނެ ބަލިތަކުގެ ޚަބަރު ދެއެވެ. ފަހެ، މިޘާލެއްގެ ގޮތުން އެބައިމީހުން ބުނެއެވެ. ބައެއްފަހަރު ތިބާގެ ބޮލުގައި ރިއްސައެއް ނޫންހެއްޔެވެ؟ ނުވަތަ ބައެއް ވަޤުތުތަކުގައި ތިބާގެ ބުރަކަށީގައި ރިއްސައެއް ނޫންހެއްޔެވެ؟ ނުވަތަ ބައެއްފަހަރު ތިބާއަށް ކުރިމަތިވާން އުޅޭކަމަކާ ފިކުރުބޮޑުވުމާއި އަދި މާޟީގައި ހިނގާފައިވާކަންތައްތަކާ ހިތާމަކުރަމެންނޫން ހެއްޔެވެ؟ ނުވަތަ ތިބާއަށް ކުޑަމައްސަލައެއްދިމާވެ، އެކަމުން ސަލާމަތްވެވޭނެއެވެ. ނުވަތަ ތިބާ އުފާވާކަމެއް ތިބާއަށް ޙާޞިލުވާނެއެވެ. އަދި ކޮންމެއިންސާނަކަށް ކުރިމަތިވާ އެފަދަ ކަންތައްތަކުގެ ވާހަކަ ބުނެއެވެ. އަދި އެބަސްތައް ބުނުމުގައި އެބައިމީހުންގެ މަޤްޞަދަކީ އެބައިމީހުންގެ ގާތަށް އަންނަ މީސްތަކުން އެބައިމީނުންނާ ގާތްކުރުވުމެވެ. އޭރުން އެބައިމީހުން (ސިޙްރުވެރިން) ބޭބުންވާ ކަންތައްތައް ކުރުމަށް މަގުފަހިވާނެއެވެ.
އަދިވެސް އެބައިމީހުންގެ މަކަރުވެރިކަމުގެ ތެރެއިންވެއެވެ. ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ސިޙްރުގެ ގަނޑުތަކުގައި ޤުރްއާނުގެ އާޔަތްތައް ލިޔެހަދައެވެ. އެއީ އެބައިމީހުން މީސްތަކުންނަށް އޮޅުވާލައި އެބައިމީހުން ޖިންނީންގެކިބައިން ވާގިވެރިކަން ނުހޯދާކަން ދެއްކުމަށްޓަކައެވެ. އަދި ކިއެއްތަ އެބައިމީހުން ވާގިވެރިކަން ހޯދަނީ ﷲގެ ޙަޟްރަތުން ކަމަށް މީސްތަކުންގެ ތެރެއިންވި ވިސްނުންކޮށި މީހުންނަށް ދައްކައި އޮޅުވައިލުމަށެވެ. ފަހެ، ތިބާ ޝައިޠާނާއާއި އޭނާގެ ބައިގަޑުގެ ޝިކާރައަކަށް ނުވާށެވެ. އަދި ތިބާ ﷲ އާ އެކުގައިވާށެވެ. އެއިލާހުނޫން ފަރާތަކަށް ބިރުނުގަންނާށެވެ. އަދި އެއިލާހު ނޫންފަރާތަކުން އުންމީދު ނުކުރާށެވެ.
އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!