ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މިއީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!