ރޭގަނޑުގެ ހަމަ ހިމޭންވަގުތުގެ، ހިމޭންކަން ފޫއަޅުވާލާ އިވޭ އަޑުތަކުގެ މަތިން ހަނދާން އެބަހުރިހެއްޔެވެ؟

ބައެއް މީހުންނަށް އަޑުއަހާލަން ހިތްގައިމު އަޑުތަކެއްކަމުގައި މި އަޑުވެއެވެ. އަނެއްބަޔަކަށް، ރޭގަނޑުގެ ހަމަހިމޭން ވަގުތުގެ ފުރިހަމަކަން ނަގާލާ އަޑުގެ ގޮތުގައިވެސް މި އަޑުތައް ސިފަކުރެއެވެ. މި އަޑުތަކުގެ ތެރެއިން، އަޑު އަންނަ ދިމާއަށް އިޖާބަ ދީ އެތައްބަޔަކު އެއީ ކޮން އަޑެއްތޯ ބެލުމުގެ ޝައުގުވެރިކަން ހުރެއެވެ.

Ad
rt

އެއަޑަށް ސަމާލުކަންދީ، އަޑު އަންނަ ދިމާ ބަލަންފެށުމުން އަޑު ކެނޑެއެވެ. މަދު ބަޔަކަށް މި އަޑު އުފައްދާ އަސްލު ހަމަ ލޮލަށް ފެނިފައިވެއެވެ.

މި އަޑުތަކުގެ އަސްލު ގުޅިފައިވަނީ ކުދިކުދި ދިރޭ ސޫފިތަކަކާއެވެ. އެކި ނަންނަމުން މުހާތަބު ކުރެވޭ ސޫފިތަކެކެވެ. ސަބުޒުޕަރީ، ފެންނިދަލި، ހީރި އަދި ރަފީގު ފަދަ ނަންތަކުން މުހާތަބުކުރެވޭ ސޫފިތަކެކެވެ. މީގެތެރެއިން މި ލިޔުމުގައި، އަލިއަޅުވައި މި ބަލައިލަނީ، ރަފީގު ނަމުން މުހާތަބު ކުރެވޭ ކުޑަކުޑަ ސޫތްޕަށެވެ.

މި ސޫތްޕަށް އިނގިރޭސިބަހުން ކުރިކެޓްގެ "Crickets" ނަމުން ނަންދެވިފައިވެއެވެ.

ރަފީގުގެ ތެރެއިން މި އަޑު ލައްވާ އުޅެނީ، ފިރިހެން ޖިންސުގެ ރަފީގެވެ. އެސޮރު، މި އަޑު ލައްވަނީ، އިސްތިހާރެއްގެ ގޮތުގައެވެ. ނުވަތަ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ.

އާއެކެވެ. އަންހެން ޖިންސުގެ ރަފީގު ސަމާލުކަން ހޯދުމަށެވެ. އަނެއްބައިފަހަރަށް މި އަޑު ލައްވާ އުޅެނީ، ކާނާ ހޯދުމުގެ ތެރޭގައި ނުވަތަ ދެ ސޫފި ދެ ސޫތްޕަށް ކޯޅޭ ވަގުތުގައެވެ. ނަމަވެސް، މިއީ، އޭގެ އަނގައިން ލައްވާއުޅޭ އަޑެއްނޫނެވެ. ދިވެހި ބަހުގެ ރަދީފުގައި، ރަފީގުގެ މާނަ ކޮށްފައިވާ ގޮތަށް ބަލަމާ ހިނގާށެވެ.

"ހިކިފަން ފުޅަނގި ކަހަލަ ކުޑަސޫތްޕެއް. މި ސޫފި ދެފިޔަ ކާއްތައިގެން ރޭގަނޑަށް ވަރަށް ރީތި އަޑެއް އިއްވައެވެ."

ފިރިހެން ރަފީގުގެ ފިޔަގަނޑުގައިވާ ކީސްބަރި (ރަތްކުލައިން ފާހަގަ ކޮށްފައި)

ތެދެކެވެ. އެސޮރު، މި އަޑު ލެއްވުމަށް ބޭނުންކުރަނީ އެސޮރުގެ ފިޔަގަނޑެވެ. އެސޮރުގެ ފިޔަ ގަނޑުގެ ދަށުގައި ކީސްބަރިއެއްހެން ހުންނަ ތުނޑުތަކެއް ހުރެއެވެ.

މި ތުނޑުތަކުގައި، ފިޔަގަނޑުގައި ހަރުކޮށް ހުންނަ އަރިމަތިން ކާއްތައެވެ. މި ތުނޑުތަކުގައި މި ހަރު އަރިމަތި ކޭއްތުމުން މި އުފެދޭ އަޑު ދުރަށް ފެތުރިގެން ދެއެވެ. މި ކީސްބަރި ހުންނަނީ ހަމައެކަނި ފިރިހެން ރަފީގުގެ ފިޔަގަނޑުގެ ދަށުގައެވެ.

އަންހެން ރަފީގުގެ އަޑު އަހަން ބޭނުންކުރާ 'ކަންފަތް' ހުންނަނީ، އޭގެ ދިގު ފައިގައެވެ. އާއެކެވެ. ބޮލަކުނޫނެވެ. ފައިގައެވެ.

ކޮންމެ ގޮތއްވިޔަސް، ރޭގަނޑުގެ ހަމަ ހިމޭންވަގުތުގެ، ހިމޭންކަން ފޫއަޅުވާލާ އިވޭ އަޑުގެ ތެރެއިން ރަފީގުގެ އަޑުގެ މަތިން ހަނދާން ހުންނާނެއެވެ.

ރޭގަނޑެއް ސިފަކުރާނަމަ، ނުވަތަ ރޭގަނޑުގެ މަންޒަރަކަށް އަޑުއަޅާނަމަ، ރަފީގުގެ މި މިޔުޒިކީ އަޑުގެ މަތިން ހަނދާންވާނެއެވެ. ރޭގަނޑުގެ އެކުވެރި ބައިވެރިއެއްގެ ގޮތުގައެވެ.

ބައެއް މީހުންނަށް އަޑުއަހާލަން ހިތްގައިމު އަޑެއްކަމުގައި މި އަޑުވެ، އަނެއްބަޔަކަށް، ރޭގަނޑުގެ ހަމަހިމޭން ވަގުތުގެ ފުރިހަމަކަން ނަގާލާ އަޑުގެ ގޮތުގައިވެސް މި އަޑު ސިފަކުރި ނަމަވެސް މެއެވެ.