ސިޙްރަކީ ވާޤިޢްކޮށް ހިނގާ ޙަޤީޤަތެކެވެ. ފަހެ، ހަމަކަށަވަރުން ﷲގެ އިޛްނަފުޅާއެކު ސިޙްރުގެ ސަބަބުން ދެމަފިރިން ދުރުވެއެވެ.
އެއީ ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ (البقرة: ١٠٢)
މާނައީ " ...ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ..."
އަދި ސިޙްރުގެ އަޘަރުން ހަށިގަނޑުގައި ރިއްސުމާއި ބަލިވެގެން ނުވަތަ މަރުވެގެން އެ ހަށިގަނޑު ހަލާކުވުން ވެއެވެ. އަދި ހަމަކަށަވަރުން ސިޙްރުގެ ސަބަބުން ނަފްސާނީ ގޮތުން ސިޙްރު ހެދޭ މީހާއަށް އަޘަރުކުރުވައެވެ. އަދި އެހުރިހާކަމެއް ވަނީ ﷲގެ އިޛްނަފުޅާ ލައިގެންނެވެ.
ޤަރާފީ ވިދާޅުވެފައިވެއެވެ. الفروق ( 4/129 )(( ސިޙްރަކީ ޙަޤީޤަތެއްވާ އެއްޗެކެވެ. އަދި ފަހަރުގައި ސިޙްރު ހެދޭމީހާ މަރުވެސް ވެދާނެއެވެ. ނުވަތަ ސިޙްރު، ސިޙްރު ހެދޭމީހާއާއި ދިމާވެ، އޭނާގެ ގައިގައި ނުބީހުނު ކަމުގައިވީނަމަވެސް އެމީހާގެ ޠަބީޢަތަށާއި ޢާދަކާދައަށް ބަދަލު އަތުވެދާނެއެވެ.))
ސިޙްރުގެ ނުރައްކާތެރިކަން
މިދުނިޔޭގައި މުސްލިމު މީހާއަށް މިލްކުވެގެންވާ އެންމެ އަގުބޮޑު އެއްޗަކީ އެމީހާގެ ދީނެވެ. ބުއްދިވެރިއަކީ އެމީހާގެ ދީނަށް ރައްކާތެރިވާ މީހާއެވެ. އަދި އެމީހާގެ ޢަޤީދާއަށް މަލާމާތްލިބޭނެ ނުވަތަ ޤަދަރު ދަށްކުރެވޭނެ ނުވަތަ ހުތުރުވެގެންވާ އެއްވެސް ޢަމަލަކާމެދުގައި އޭނާ ނުރުހޭނެއެވެ.
ސިޙްރާއި އަދި ސިޙްރު ހެދުމައްޓަކައި ސިޙްރުވެރިންގެ ގާތަށް ދިއުމަކީ، ޢަޤީދާއަށް އޭގެ ނުރައްކާރެތިކަން ފޯރާ އެންމެ ނުރައްކާތެރި ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އެހެނީ ހަމަކަށަވަރުން ސިޙްރުވެރިއެއްގެ ގާތަށްގޮސް ސިޙްރު ހެދުމަށް އެދުމަކީ ދީނުން ބޭރުވާ ކަންތައްތަކުގެ ތެރެއިން ވާކަމެކެވެ.
މުޙައްމަދު ބުން ޢަބުދުލް ވައްހާބު رحمه الله ވިދާޅުވެފައިވެއެވެ. (رسالة في نواقض الإسلام) (( ހަތެއް : އެބަހީ، ދީނުން ބޭރުވާ ހަތްވަނަ ކަމަކީ ސިޙްރު ހެދުމެވެ. ސިޙްރުގެ ތެރޭގައި މީހާއާއި އެމީހާގެ އަނބިމީހާ ގާތްކުރުމަށް ނުވަތަ ދުރުކުރުމަށް ކުރާ ކަންތައްތައް ވެއެވެ. ފަހެ، އެކަން ކޮށްފި މީހާ ނުވުތަ އެކަމާ ރުހިއްޖެ މީހާ ކާފަރުވެއްޖެއެވެ.
އެކަމުގެ ދަލީލަކީ، ﷲތަޢާލާ ވަޙީކުރެއްވިއެވެ. وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ (البقرة: ١٠٢)
މާނައީ "... ތިމަންމެން ވާކަން ކަށަވަރީ އިމްތިޙާނެއް ކަމުގައޭ، ފަހެ، ( އެ ސިޙްރު ދަސްކޮށްގެން ) ކާފިރު ނުވާށޭ ވިދާޅުވެ ( ނަޞޭޙަތް ދެއްވުމަށް ފަހުގައި ) މެނުވީ، އެއްވެސް މީހަކަށް އެދެމަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ..." ))
ފަހެ، ސިޙްރު ހަދާމީހާއާއި ސިޙްރު ހެދުމަށްޓަކައި ސިޙްރުވެރިޔާގެ ގާތަށް ދާމީހާގެ ޙުކުމަކީ އެއް ޙުކުމެކެވެ.
އަދި ސިޙްރު ހަދައިފިމީހާ ފަހެ، ހަމަކަށަވަރުން ޝިރުކުކޮށްފިއެވެ. ނަބިއްޔާ صلى الله عليه وسلم ” ޙަދީޘްފުޅު ކުރެއްވިއެވެ. « وَمَنْ سَحَرَ فَقَدْ أَشْرَكَ » (رواه النسائي) މާނައީ " އަދި ސިޙްރު ހަދައިފި މީހާ ފަހެ، ހަމަކަށަވަރުން ޝިރުކުކޮށްފިއެވެ." ފަތުޙުލް މަޖީދުގައި ވިދާޅުވެފައިވެއެވެ. (ص: 231) (( ހަމަކަށަވަރުން މިއީ ސިޙްރުވެރިޔާ އަކީ މުޝްރިކެއް ކަމުގެ ނައްޞެކެވެ.))
އަދި ހުރިހާ ރަސޫލުބޭކަލުންގެ ޝަރީޢަތްތަކުގައިވެސް މިކަމަކީ ޙަރާމްވެގެންވާ ކަމެކެވެ. ﷲތަޢާލާ ވާޙީކުރެއްވިއެވެ. وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ (طه: ٦٩)
މާނައީ "... އަދި ސިޙްރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ."
އަދި އެކަމަކީ ދީން ހަލާކުކޮށްލާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «اجْتَنِبُوا السَّبْعَ المُوبِقَاتِ» ، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ» (متفق عليه)
މާނައީ " ހަލާކު ކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން ދުރުވެގަންނާށެވެ! އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެ ފާފަތަކަކީ ކޮބައިތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. " (އެއީ) ﷲއަށް ޝަރީކު ކުރުމާއި ސިޙްރު ހެދުމާއި، ޙައްޤަކާ ނުލައި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޤަތުލު ކުރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ކެއުމާއި ހަނގުރާމައިގެ މައިދާނުން ފިލަން ދުވުމާއި ޢިއްފަތްތެރި މުއުމިން އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ."
އަދި ސިޙްރުގައި ދީން ހަލާކުކުރުވާ ކަންތައްތަކުގެ ތެރެއިން ޝައިޠާނުންނާއި ޖިންނީންގެ ކިބައިން މަދަދަށް އެދުމާއި ތަވީދުތަކާއި ފަށްތައް ( ހަށިގަނޑުގައި ) އެޅުވުމާއި ﷲ ނޫން ފަރާތްތަކަށް ބިރުގަތުމާއި ﷲ އަށް ވަކީލު ކުރުން ދޫކޮށްލުމާއި މީސްތަކުންގެ ދިރިއުޅުމާއި މަޞްލަޙަތުތައް ފަސާދަކުރުމާއި އަދި އެކަމާގުޅުންހުރި ޝަރީޢަތުގެ ނައްޞުތަކާ ޚިލާފުވުންވެއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ ﴿٥٦﴾ (الأعراف) މާނައީ " ބިން އިޞްލާޙް ކުރެއްވުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ! އަދި ބިރުވެތިވެ، އެދުންވެ ތިބޭޙާލު، އެއިލާއަށް ތިޔަބައިމީހުން ދުޢާކުރާށެވެ! ހަމަކަށަވަރުން، ﷲގެ ރަޙްމަތްފުޅުވަނީ، އިޙްސާންތެރީނާއި ގާތުގައެވެ."
ދީންވިއްކާލާ މީހާ
ހަމަކަށަވަރުން ސިޙްރުވެރިޔާވަނީ އޭނާގެ ދީނާއި އޭނާގެ ނަފްސު ޝައިޠާނާއަށް ވިއްކާލާފައެވެ. ފަހެ، ޝައިޠާނާ އޭނާއަށް އަޅުކަންކުރުމަށްވުރެ، ދަށްކަމަކަށް ނުރުހޭނެއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ (البقرة: ١٠٢)
މާނައީ "... އަދި ހަމަކަށަވަރުން އެތަކެތި ގަތްމީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ..."
އަދި ސިޙްރުވެރިޔާއަށް، މިދީނުން ނުކުމެގެން ނޫނީ އޭނާގެ ސިޙްރެއް ނުހެދޭނެއެވެ. އެގޮތުން އޭނާ ޖިންނިއަށް ޤުރްބާންކުރުން ނުވަތަ ޖިންނީންގެ ކިބައިން މަދަދަށް އެދުން ނުވަތަ ﷲގެ ކަލާމްފުޅަށް އިހާނާތްތެރިކޮށް ހިތުން ނުވަތަ އެނޫންވެސް ދީން ހަލާކުކުރުވާ ކަމެއް ކުރެއެވެ.
ސިޙްރުވެރިންނާ މެދުގައި ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. (( އެބައިމީހުން ﷲގެ ކަލާމްފުޅު ނަޖިހުން ލިޔެއެވެ. އަދި ފަހަރުގައި އެބައިމީހުން، ﷲގެ ކަލާމްފުޅުގެ އަކުރުތައް ބަދަލުކުރެއެވެ. އެގޮތުން ސޫރަތުލް ފާތިޙާގެ އަކުރުތައް ބަދަލުކުރެއެވެ. ނޫންނަމަ ސޫރަތުލް އިޚްލާޞްގެ އަކުރުތައް ބަދަލުކުރެއެވެ. ނޫންނަމަ، އެދެސޫރަތް ފިޔަވައި އެހެން ސޫރަތްތަކުގެ އަކުރުތައް ބަދަލުކުރެއެވެ. ( އެބައިމީހުން ﷲގެ ކަލާމްފުޅު ) ލެއިންނާއި އެނޫންތަކެތިން ލިޔެ ހަދައެވެ. އަދި ނަޖިހުން ނޫން ތަކެތިންވެސް ލިޔެހަދައެވެ. ނުވަތަ އެނޫންވެސް ޝައިޠާނާ ރުހޭ އެއްޗަކުން ﷲގެ ކަލާމްފުޅު ލިޔެ ހަދައެވެ. ނުވަތަ ޝައިޠާނާ ރުހޭފަދައިން ބަސްބުނެ ހަދައެވެ.)) (الفتاوى : ( 19/35))
އަދި އެމީހާގެ ނަފްސު ޝައިޠާނާއަށް ވިއްކާލާފައިވާ މީހާވަނީ މަތިވެރިވެގެންވާ އަޚްލާޤާއި ހެޔޮވެގެންވާ ޢަމަލުތައް ދޫކޮށްލާފައެވެ. އަދި އޭނާވާނީ ލޮލުގެ ނޫރުގެއްލިފައިވާ، ނުބައިކަންތައްތަކުގައި ކުރިއަށްދާ، ހެޔޮކަންތައްތަކަށް ފުރަގަސްދީފައިވާ، ދީނަށް ޢަދާވާތްތެރިވެ، ދީނަށް މަލާމާތް ކުރާ، އޭނާގެ އަހުލުވެރިންގެ މައްޗަށް ރުޅިގަދަވެފައިވާ، އޭނާގެ މުޖުތަމައަށް ޢާއިބުކިޔާ މީހަކަށް ވެފައެވެ. އަދި ފަހަރުގައި އޭނާގެ ނުބައިވެގެންވީ ނަފްސާއި އޭނާގެ މުޑުދާރު، ވިސްނުންކުޑަ، ހަވާނަފްސު ރުއްސުމަށްޓަކައި ޝިރުކުގެ ޢަމަލުތަކަށް އޭނާ އަރައިގަނެތެވެ.
އެބައިމީހުންނާ މެދުގައި ( އެބަހީ: ސިޙްރުވެރިންނާ މެދުގައި) ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. (( އެބައިމީހުންގެ އެންމެ ފަހުކަމަކީ ރަޙްމާންވަންތަ ﷲ އާއި މެދުގައި ޝައްކު ކުރުމާއި ޠާޣޫތުންނާއި ޝައިޠާނުންނަށް އަޅުކަންކުރުމާއި އޮޅުވާލާފައިވާ ރަން ވިއްކުމާއި ބިންމަތީގައި ފަސާދަ އުފެއްދުމެވެ. އަދި އެބައިމީހުންގެ ތެރެއިން މަދުމީހަކަށް އެމީހަކު ބޭނުންވާ ކަމެއް ޙާޞިލުވީ ނަމަވެސް އެކަމުގެ ސަބަބުން އެމީހަކު ﷲ އާއި ދުރުވުން ނޫންކަމެއް ނުވާނެއެވެ. އަދި އެބައިމީހުންގެ ތެރެއިން ގިނަމީހުންނަކީ ފާފަވެރިވެ، މަޙްރޫމުވެފައިވާ، ކާފަރުވުމަށާއި ފާސިޤުވުމަށާއި އުރެދުމަށް ބޭނުންވާ މީހުންނެވެ. އަދި ( އެބައި މީހުންގެ ތެރެއިން މަދުކަމެއް ޙާޞިލްވާ މީހާއަށް ) އެކަން ޙާޞިލުވަނީ ( މީސްތަކުންގެ ތެރޭގައި ) ދޮގު ފަތުރައިގެންނާއި ހައްދުތައް ފަހަނައަޅައި ދިއުމަށް އޭނާ ބޭނުންވާ ޙާލުގައިވެގެންނެވެ. އެބައިމީހުންނަކީ ގިނަގިނައިން ދޮގުވާހަކަތައް އަޑުއަހައި ގިނަގިނައިން ބާޠިލުގޮތުގައި އެއްޗެހި ކައިއުޅޭ މީހުންނެވެ. އެބައިމީހުންގެ މައްޗަށް ދޮގުވެރިންގެ ނިކަމެތިންކަން ލައްވާށިއެވެ! )) ( درء تعارض العقل و النقل ) 5/63).)
އަދި ﷲ އާދަމް عليه السلام މަށިން ހެއްދެވިއެވެ. އަދި ޖިންނީން އަލިފާނުން ހެއްދެވިއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٦﴾ وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ ﴿٢٧﴾ (الحجر: ٢٦ – ٢٧)
މާނައީ " އަދި ތަޣައްރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން ތިމަންއިލާހު އިންސާނާ ހެއްދެވީމެވެ. އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންއިލާހު ޖިންނީން ހެއްދެވީމެވެ."
އަދި ﷲ އާދަމުގެ ދަރިން ޖިންނީންގެ މައްޗަށް މާތްކުރެއްވިއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴿٧٠﴾ (الإسراء: ٧٠)
މާނައީ " އަދި ހަމަކަށަވަރުން ތިމަންއިލާހު އާދަމުގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅުތަކެތިން ރިޒްޤުދެއްވީމެވެ. އަދި ތިމަންއިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."
އަދި ސިޙްރުވެރިޔާ އޭނާއަށްވުރެ ދަށުގައިވާ ފަރާތަކަށް އޭނާގެ ނަފްސު ނިކަމެތިކުރުން ނޫން ގޮތެއް ނުރުހެއެވެ.
ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. (( އަދި އިންސާނުން ޖިންނީންނަށްވުރެ ޝަރަފުވެރިވެ ޤަދަރުގެގޮތުން މަތިވެރިވެގެންވާކަން އެބައިމީހުން – އެބަހީ ޖިންނީން ދަނެތެވެ. ފަހެ، އިންސާނުން އެބައިމީހުންނަށް ކިޔަމަންވެ ނިކަމެތިވެ އެބައިމީހުންގެ ކިބައިން ރައްކާތެރިކަމަށް އެދުންވަނީ މީސްތަކުގެ ތެރޭގައިވި ބޮޑުމީހާ އެބައިމީހުންގެ ތެރޭގައިވި ކުޑަމީހާގެ ކިބައިން ބޭނުން ފުއްދައިދިނުމަށް އެދުމާ އެއް ދަރަޖާގައެވެ.))(فتاوى شيخ الإسلام ( 19/34)) ފަހެ، ސިޙްރުވެރިޔާ ޝައިޠާނާއަށް ކިޔަމަންވެ، ނިކަމެތިވެ، އޭނާއަށް އަޅުކަންކުރާ ޙާލުގައިވާނީ ކިހިނަކުންހެއްޔެވެ؟!
-ނުނިމޭ-
އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!