ފާއިތުވި ތިން އަހަރު، މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ. މި ވައުދުތައް ފުއްދުމަށް ފާއިތުވި ތިން އަހަރު ގިނަ ރަށްތަކެއްގެ ޕްރޮޖެކްޓުތައް އެ ކުންފުންޏާ ހަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ.

Ad
rt

އެމްޑަބްލިޔުއެސްސީ އިން ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކުންފުނިން 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތާއި ހަ ރަށެއްގެ ފެނުގެ ނިޒާމު އަދި ދެ ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެ ހުރިހާ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ކުރަމުންދާ އިރު، ބައެއް މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އަރައެވެ.މި މަޝްރޫއުތަކުގެ ދަށުން 3000 އަށްވުރެ ގިނަ ގެއަށް ފެނާއި ނަރުދަމާގެ ގުޅުން ގުޅައި ދެވޭނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނިން ކުރިން މަސައްކަތް ފަށާފައިވާ އއ. ރަސްދޫ ފެނުގެ ނިޒާމާއި ޅ. ކުރެންދޫ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އެ ދެ މަޝްރޫއު ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތަކުން ރަށްރަށަށް ފާގަތިކަން ލިބިގެންދާނެ ކަމަށާއި ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި. ވެށީގެ ރައްކާތެރިކަމާއި އިޖުތިމާއީ އިގުތިސާދީ ކުރިއެރުމާއި އަދި ރަށް ރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތަ ފަހިވެގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.