މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ސީޝެލްސްއާ ރާއްޖެ ބައްދަލު ކުރި މެޗްގެ ވަގުތު ހަމަވެފައިވަނިކޮށް އިތުރުގަޑީގައި ކުޅެން އެރުވި ރާއްޖޭގެ މިޑްފިލްޑަރ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ބޯޅަ ނެތީސް ހަމަލާ ދިނުމުން ދިވެހިންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

ފައިނަލަށް ދިއުމަށް ގޯލެއް މުހިންމުވެ އެންމެ މުހިންމު މިވަގުތުގައި ބޯޅަ ނެތީސް ހަމަލާ ދިނުމުން އޭނާއަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

Ad
rt

ރާއްޖެ އާއި ސީޝެލްގެ 0-0 ގެ ނަތީޖާ އަކުން އެއްވަރުވި މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ފަހަތުން ދުވެފައި ގޮސް ސީޝެލްސްގެ ކެޕްޓަންގެ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ވަނީ ޖަހާ ވައްޓާލާފަ އެވެ.

މި އަނިޔާވެރި އަމަލާއި އެކު އޭނާ އަށް ރެފްރީ ވަގުތުން ރަތްކާޑެއް ދައްކާ ދަނޑުން ބާލާފަ އެވެ. ސަރުކާރުގެ ޒިންމާދާރު މަގާމެއްގައި ހުރެ މިފަދަ އަމަލެއް ހިންގުމުން ގިނަބަޔަކު އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އޭނާ ވަޒީފާއިން ވަކިކުރުމަށްވެސް އަންނަނީ ގޮވާލަމުންނެވެ. އޭނާއަށް ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާކާރުންވެސް ފާޑުކިޔަމުން އަންނައިރު، މިއީ ފުޓުބޯޅައިގެ އެތިކްސް އާއި ހިލާފު، ގައުމުގެ އަގު އެހެން ބައެއްގެ ކުރިމަތީގައި ވެއްޓޭފަދަ އަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

2018 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެމުން އަންނަ ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަޑުބަރޭވަނީ ގައުމީ ޓީމުން ރިޓަޔާވެސް ކޮށްފަ އެވެ. ނަމަވެސް ފަހުންވަނީ ޓީމާއި ގުޅިފަ އެވެ. އަޑުބަރޭ އަލުން ގައުމީ ޓީމަށް ނެގިއިރު، 2018 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އަޑުބަރޭ، މިދިޔަ ސީޒަނުގެ މެދުތެރެއިން ވަނީ ކުލަބު އީގަލްސްއާ ގުޅެފައެވެ. އޭނާ އެ ޓީމާ ގުޅުނީ މި އަހަރުގެ އޭއެފްސީ ކަޕާ އަމާޒުކޮށެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި މިހާރު އުމުރުން 34 އަހަރުގެ އަޑުބަރޭ ގައުމީ ޓީމުން ރިޓަޔާކުރީ 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ފަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އޭރުގެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓުގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެންނެވެ.