އެމެރިކާގެ އިންފްރާސްޓްރަކްޗާ ކުރިއަރުވަން ހެދި 1.2 ޓްރިލިއަން ޑޮލަރުގެ ބިލް އެ ގައުމުގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރައްވައިފިއެވެ.

މި ބިލް ތަސްދީގު ކުރެއްވުމާއެކު މިހާރު ވަނީ ގާނޫނަކަށް ވެފައެވެ. މިއީ އެމެރިކާގެ އިގްތިސާދު ކުރިއެވުމަށް ބައިޑެން ގެންގުޅުއްވާ އެޖެންޑާގެ ދަށުން ގެނައި ގާނޫނެކެވެ.

Ad
rt

ބައިޑެން މި ބިލް ތަސްދީގު ކުރެއްވީ އެ ގައުމުގެ ކޮންގްރެސް އިލެކްޝަން ކައިރިވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވާ ގޮތުގައި މިއީ ޑިމޮކްރެޓުންނާއި ރިޕަބްލިކުން ގުޅުވައިދޭނެ ގާނޫނެކެވެ. އަދި މިއީ ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

“ރައްޔިތުންގެ ދިރިއުޅުން ރަނގަޅަކަށް ބަދަލުވާނެ. އެމެރިކާ އަނެއްކާވެސް މިދަނީ ކުރިއަރަމުން” ބައިޑެން ވިދާޅުވިއެވެ.

މި ގާނޫނުގެ ދަށުން ބައިޑެން ސަރުކާރުން މަގު ހެދުމަށާއި ބްރިޖާއި އިލެކްޓްރޯނިކް ވެހިކަލްތަކަށް އިންވެސްޓް ކުރާނެއެވެ. މިއީ އޭނާއަށް އޮތް ތާއީދު ވެސް އިތުރުވާނެ ކަމަކެވެ.

ކޯވިޑް-19އާ ގުޅިގެން އެމެރިކާގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ބައިޑެންގެ ތާއީދުވެސް ވަނީ ދަށްވެފައެވެ.

މި ގާނޫނުގެ ދަށުން ބަޖެޓު ޕްލޭން އެޕްރޫވްކުރުމުގެ މަސައްކަތް މިހަފުތާގައި އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގައި ފަށާނެއެވެ. އެ ބަޖެޓް އެޕްރޫވްވާނެ ކަމަށް ސްޕީކާ ނޭންސީ ޕެލޯސީ ވަނީ ލަފާ ކުރައްވައިފައެވެ.

ބަޖެޓް ފާސްވުމުން ދެން ފޮނުވާނީ ސެނެޓަށެވެ.