މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ސްޕޮންސާ ކޮށްގެން އައްޑޫ ސިޓީގައި ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓެއް ބާއްވައިފިއެވެ.

މި ސްޕްރިންޓް މިހާރު ނިމިފައިވާއިރު އެކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާއާއި، އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، ރޯވިން އެސޮސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހްމަދު ހަބީބު ބައިވެރިވަޑައިގެންނެވިއެވެ.

Ad
rt

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި ފަސް ސްކޫލަކުން 150 ދަރިވަރުން ބައިވެރިވިއެވެ. އަދި 80 މުދައްރިސުންނާއި، ހަތަރު ކްލަބަކުން 20 އެތްލީޓުންވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި، އެކި ވަނަތައް ހޯދި ފަރާތްތަކަށް ހަނދާނީ ލިޔުމާއި މެޑަލް ވަނީ ދީފައެވެ. އެ ފަރާތްތަކަށް މެޑަލްއާއި ސެޓިފިކެޓު ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ އެމްޑީ ޝާހެވެ.

މިއީ ފަލި ޖެހުމުގެ އާދަ ކުޑަކުދިންނާއި ޒުވާނުންނަށް ދަސްކޮށްދިނުމާއި އެކަން އާލާކުރުމުގެ ބޭނުމުގައި ބޭއްވި މުބާރާތެއް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. މި މުބާރަތުގެ ސަބަބުން އެ ކުޅިވަރަށް ހުނަރުވެރި ޒުވާނުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަ ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށާއި، ގައުމީ ރެކޯޑު ރޭންކުކޮށް، ގައުމީ ޓީމު އެކުލަވާލަން ފަސޭހަ ވެގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.