މި ސަރުކާރުން އަމާޒުހިފި ވަޢުދުތައް ރައްޔިތުންނަށް ފުއްދަމުންދާ ކަމަށާއި، އެހެންނަމަވެސް ވައްކަމެއްނުކޮށް ކަމެއް ކޮށްފިނަމަ އިދިކޮޅު ޕީޕީއެމަށް މަޖިލިސް މެންބަރުންނަށް ކަމުނުދާކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ، އޭނާ ބަޖެޓަށް ތާއީދު ކުރަށްވަނީ އޭނާ ނިސްބަތްވާ ދާއިރާއަށް އާ މާގިނަ މަޝްރޫޢު ބަޖެޓްގައި ނެތްނަމަވެސް ޖުމްލަ ރައްޔިތުންގެ ދުޅަހެޔޮކަމަށް އެމްޑީޕީން ދެއްކި ވާހަކަތައް ތަންފީޒުކުރުމަށް ބަޖެޓުން ޖާގަދީފައި ވާތީކަމަށެވެ.
މިގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، ޓީޗަރުންގެ މުސާރަ ބޮޑުކުރުންފަދަ ވަރަށް ގިނަ ކަންތައްތަކެއް މި ބަޖެޓުގެ ތެރޭގައި ހިމެނިފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"ޔަގީންކުރެވޭ ކަމަކީ، ބަޖެޓުކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި މިހިރަ ކަންތައްތަކަކީ، ގައިމު ވެސް ޓީޗަރުންގެ މުސާރަ ބޮޑުވެގެން އަންނައިރު، މަސައްކަތްތެރިންނަށް އުޖޫރަ ލިބިގެންދާއިރު، ހެލްތު ސެކްޓަރ ވަރުގަދަވެގެންދާއިރު، އަޅުގަނޑުމެން ދާއިރާގައި ޕީ.އެސް.އައި.ޕީގެ ގިނަ ޕްރޮޖެކްޓުތަކެއް ނެތަސް މި
ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ދާއިރާގެ މީހުން ހިމެނޭނެ." ބަޖެޓަށް ސަޕޯޓުކުރަށްވަނީ މިހެންވެކަމަށް ރާޢީ ވިދާޅުވިއެވެ.
ބަޖެޓުގެ ޖަހައިގެން ތަންފީޛުނުކުރެވޭ މާ ބައިވަރު ޕްރޮޖެކްޓުތަކެއް ހުންނަން މުންމު ނޫންކަމަށާއި، މުހިންމު ކަމަކީ ދާއިރާގެ ބަޖެޓްގައި އެ އަހަރަކު ޖަހާ، ކަންކަން ތަންފީޛުވެގެންދިޔުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރު ސަރުކާރުން މި ހުށަހަޅާ ބަޖެޓުތަކުގައި އެ ކަންކަން މި ލަސްވުމެއް ހުއްޓަސް ދަނީ ތަންފީޛުކުރެވެމުން. އަޅުގަނޑުމެންގެ ދާއިރާގައި ވެސް ހަމަ ގިނަ ކަންތައްތަކެއް ތަންފީޛުކުރެވެމުން އެބަދޭ." ރާޢީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަޖެޓާއި ގުޅިގެން ދަރަނީގެ ވާހަކައާއި ލޯނު ނަގާ ވާހަކަ އިދިކޮޅު ޕީޕީއެމް-ޕީއެންސީ މެންބަރުން ދައްކަވަމުން ގެންދަވާކަމަށާއި، އަދި ދައުލަތުގެ ދަރަނި ބޮޑުވާ ވާހަކަ ވެސް ދައްކަވަމުން ގެންދަވާ އަޑު އިވިވަޑާއިގަންނަވާ ކަމަށެވެ.
އެހެންނަމަވެސް ލޯނު ނަގައި، ދަރަނި ބޮޑުކުރީ ޕީޕީއެމް ސަރުކާރުންކަން ވަރަށް ސާފުކޮށް ފެންނަށް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ފާހަގަކުރާނަން، ބޮޑުސިންގާ ލޯނުތަކެއް ނަގައިގެން ބުރިޖެއް އަޅައިފި. އެއަށް ފައިސާ ދައްކާނެ ގޮތުގެ އެއްވެސް ތަފުސީލެއް ނެތް. ބޮޑުސިންގާ ހޮސްޕިޓަލެއް ވެސް އެޅި. އަޅުގަނޑުމެންގެ ދާއިރާއަށް އެ ކަންކަމުން ވީ ފައިދާއެއް ނެތް އިނގޭތޯ. ލޯނެއް ނަގައިގެން ޕީ.ޕީ.އެމް ސަރުކާރުން، މިތާ ތިބި، ޚާއްޞަކޮށް ތިބި ޕީ.ޕީ.އެމްގެ މެންބަރުންގެ ރުހުމާ އެއްކޮށް މި ލޯނުތައް ނަގައިގެން ރަށްރަށުގައި ކޮންކަމެއްތޯ ހިނގީ؟ މަކުނުދޫ ދާއިރާއަށް އެއިން ލޯ ލާރިއެއް ވެސް ނެތް ހޭދަކޮށްލާ." ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވީ މި ސަރުކާރުން ކަންކުރަނީ އެހެން ނޫންކަމަށާއި، ބަޖެޓަށް ފައިސާ ހޯދައި، މި ސަރުކާރުން ނަގާ ލޯނުތައް ދެއްކޭނެ ގޮތް މިސަރުކާރުގެ ވަޒީރުން ވަރަށް ސާފުކޮށް އަންގައިދެމުންދާ ކަމަށެވެ.
"މިނިސްޓަރު އަންދާޒާއެއް އެބަ ދެއްވާ ޓޫރިޒަމުން މިކަން މިގޮތަށް ވާނޭ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ވިއްސަކަށް ރިސޯޓު ދާނެ ހުޅުވިގެން. އެއީ އަޅުގަނޑުމެން ފެށުނީއްސުރެ ވެސް އެކަމަކަށް ބަރޯސާވާ، ދައުލަތަށް ލާރި ހޯދަން ބަރޯސާވާ ކަންތަކަކީ، އަދި އޭގެއިތުރުން ބަޖެޓު ފޮތުގައި އެބަ ހުރި ވަރަށް ތަފުސީލުކޮށް ޖަހާފައި އެކި ކަންކަމަށް ހުރި ކަންތައްތައް." ރާޢީ ވިދާޅުވިއެވެ.
ލާމަރުކަޒީކުރަން، ބަޖެޓު އިތުރުކޮށް، ކައުންސިލުތަކަށް ދޭ ގްރާންޓް ބޮޑުކުރަން ވަކާލާތުކޮށް، އެކަންކަން ކޮށްފައި ވަނީ މިސަރުކާރުން ކަމަށް ރާޢީ ވިދާޅުވިއެވެ.
"މި ހުރިހާ ކަންތައްތަކަކީ އަޅުގަނޑުމެން ދެއްކި ވާހަކަ. އެހެންވީމާ، މިހާރު މި ތަނުގައި އަނެއްކޮޅުން އަޅުގަނޑުމެންނަށް ޕީ.ޕީ.އެމްގެ މެންބަރުން އެބަ ގޮވަމުންދޭ، ކޮބައިހޭ ކަލޭމެން ބުނި ވަޢުދުތައް؟ އެކަން ކޮށްފިންހޭ؟ އެކަން ކުރެވޭނެހޭ؟ އަޅުގަނޑަކަށް ނޭނގޭ މިއީ ކިހިނެއް ކަމެއް، ކޮންގޮތަކުން ވާހަކަދައްކާ ބައެއް ކަމެއް. ކުރީމަ ކަމަކުނުދޭ." ރާޢީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކަންކަން ބަޖެޓުގައި ހިމަނައިގެންކަމަށާއި، އެމްޑީޕީންނާއި މި ސަރުކާރުން ކަންކުރަމުން ދަނީ ރައްޔިތުންގެ ބޭނުންތަކަށް އިސްކަން ދީގެން، އެންމެ ނަފާވާގޮތަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީ.ޕީ.އެމްގެ ބޭފުޅުންނަށް، ޚާއްޞަކޮށް ޕީ.ޕީ.އެމްގެ މަޖިލިސް މެންބަރުންނަށް، މި ބޭފުޅުންނަކަށް ކަމަކުނުދާނެ، ވައްކަންނުކޮށް ކަމެއް ކޮށްފިއްޔާ. ކުރަލާފައި ހުރި ކަމެއް. އެހެންވީމާ، މި ތަނުގައި ވެސް އަޅުގަނޑުމެން ކުރާ ކަމެއް އެ ބޭފުޅުންނަށް ކަމުނުގޮސްގެން އެ އުޅެނީ، މީގެތެރެއަށް ވައްކަން ނުހިމެނޭތީވެ." ރާޢީ ވިދާޅުވިއެވެ.
ކިތަންމެ ވަރަކަށް ލޯނު ނެގިޔަސް ދެއްކޭނެ ގޮތް ހޯދާފައި ރައްޔިތުންގެ އަސާސީ ކަންތައްތައް ކުރެވޭނަމަ މި ސަރުކާރުން ލޯނުތައް ނެގުމަކީ މައްސަލައެއް ނޫންކަމަށް ރާޢީ ވިދާޅުވިއެވެ. އަދި މި 5 އަހަރު ނިމިގެންދާއިރު އެމް.ޑީ.ޕީން ދެއްކި ވާހަކަތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ބޮޑެރި ވަޢުދުތައް ފުދިގެންދާތަން ފެންނަކަމަށާއި، އެހެންކަމުން އިދިކޮޅު މެންބަރުން ދަރަނީގެ ވާހަކަ ދައްކަން ނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!