ޓެސްލާގައި އޮތް އީލޯން މަސްކުގެ އަމިއްލަ ހިއްސާގެ ތެރެއިން 10 އިންސައްތަ ހިއްސާ ވިއްކާލައިފިއެވެ.

އޭނާ ވަނީ މި ހިއްސާ ވިއްކާލުމުގެ ކުރިން ޓްވިޓާގެ ޕޯލެއް ނަގާފައެވެ. މި ޕޯލް ނިންމާލިއިރު 57.9 އިންސައްތަ މީހުން ވޯޓް ދިނީ ހިއްސާ ވިއްކައިލުމަށް އެދި އެވެ. އެކަމާ ދެކޮޅަށް ވޯޓްދިނީ 42.1 އިންސައްތަ މީހުންނެވެ.

Ad
rt

މި ޕޯލްގައި ބޮޑު އިންސައްތައަށް ހިއްސާ ވިއްކާލަން އެދި ވޯޓު ދިނުމުން އީލޯން ވަނީ ފަސް ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި އެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހިއްސާ ވިއްކާލުމަށް ގިނަ ބަޔަކު ތާއީދު ކުރުމާ އެކު، ޓެސްލާގެ ހިއްސާގެ ވިޔަފާރި އަށް 16 އިންސައްތައިގެ ދަށްވުމެއް ވަނީ އައިސްފައެވެ. އަދި އީލޮންގެ އަމިއްލަ މިލްކިއްޔާތަށް ދަށްވުމެއް ވެސް ވަނީ އައިސްފައެވެ.

އީލޯން އަކީ މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނެވެ. އޭނާގެ މިލްކިއްޔާތު 300 ބިލިއަނުން ޑޮލަރުން މަތީގައި އުޅެނިކޮށް މިހާރު ވަނީ 271 ބިލިއަނަށް ދަށްވެފައެވެ.

ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުނި ޓެސްލާގެ އަމިއްލަ ހިއްސާގެ ތެރެއިން އީލޮން ފުރަތަމަ ވިއްކީ 3.6 މިލިއަން ހިއްސާއެވެ. އެއީ ހަތަރު ބިލިއަން ޑޮލަރުގެ ހިއްސާއެވެ. އޭގެ ފަހުން 1.1 ބިލިއަނަށް އިތުރު 2.2 މިލިއަން ހިއްސާ ވިއްކައިލިއެވެ.

ޓެސްލާގެ ހިއްސާ ވިއްކާލުމުގެ ކުރިން އޭނާއަކީ އެ ކުންފުނީގެ 23 އިންސައތައްގެ ހިއްސާދާރެކެވެ.

ޓެސްލާގެ އަމިއްލަ ހިއްސާތަކެއް އީލޮން ވިއްކާލާފައިވާއިރު އދ. ގެ ފުޑް ޕްރޮގްރާމްގެ އެޒެކެޓިވް ޑިރެކްޓަރު ޑޭވިޑް ބީޒް، ވަނީ އީލޮން އަށް ރައްދުވާ ގޮތަށް ދުނިޔޭގެ ބޮޑެތި މަހުޖަނުން އެހީވެއްޖެ ނަމަ ހައިހޫނުކަން ނައްތާލެވޭނެ ކަމަށް ބުނެ ޓްވީޓު ކޮށްފައެވެ. މި ވާހަކަތަކަށް ރަށްދު ދީ އީލޯން ބުނެފައި ވަނީ ހަ ބިލިއަން ޑޮލަރުން ދުނިޔޭގެ ބަނޑުހައިހޫނުކަން ނައްތައިލެވިދާނެކަން ސާބިތުކޮށް ދީފި ނަމަ، ޓެސްލާގައި އޮތް އޭނާގެ ހިއްސާ ވިއްކާލަން ތައްޔާރަށް ހުރި ކަމަށެވެ.