ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.
ދެދުވަހުގެ މި ދަތުރުފުޅުގައި ރައީސްގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާ ދެޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކުގައި ޚިޔާލު ބަދަލުކޮށްލައްވާފައެވެ.
މީގެ އިތުރުން ރައީސް، ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
މިދަތުރުގައި ރައީސް ވަނީ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފެށި މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.
މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!