އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެދުއިރުމައްޗާއި އެފްރިކާގެ އޮފިޝަލް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރު ޝައިޚް ނާސިރު ބިން ޙަމަދު ބިން ނާސިރު އަލް ޘާނީ ވިދާޅުވީ މި ފަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ މައި ސަޕޯޓަރެއްގެ ހައިސިއްޔަތުން ފީފާއާ އެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ އެބޭފުޅުން ފަހުރުވެރިވާ ކަމެއްގެ ކަމަށެވެ. އަދި މިއީ އުފެއްދުންތެރިކަމާއި ޓެލެކޮމިއުނިކޭޝަންގެ ރޮނގުން އެ ކުންފުންޞަށް ލިބުނު ކުރިއެރުމެއް ކަމަށާއި ކުންފުނީގެ ލީޑަޝިޕް އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގަތަރުގައި 2019ވަނަ އަހަރު އަދި މިއަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ގައުމީ ސަޕޯޓަރެއްގެ ގޮތުން އުރީދޫއިން ވަނީ ފީފާއާ އެކު މަސަައްކަތް ކޮށްފައެވެ.
ޝެއިޚް ނާސިރު ވިދާޅުވީ މި ފެންވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ބޭނުންވާނެ އިންފްރާސްޓްރަކްޗަރާއި ނެޓްވޯކް ސްޕީޑް އުރީދޫގެ ޓެކްނޮލޮޖީ އަދި ތަޖުރިބާގެ އެހީގައި ފޯރުކޮށްދެވޭނެ ކަމަށެވެ. އަދިމި މުބާރާތުގައި ފީފާއަށް އެއްބާރުލުންދީ އުފާވެރި އަދި ފޯރިގަދަ ތަޖުރިބާއެއް ބެލުންތެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފީފާ ވޯލްޑްކަޕް 2022 ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު 21އިން ޑިސެމްބަރު 18އަށެވެ. މިއީ އަރަބި ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!