އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އުރީދޫ މޯލްޑިވްސްގެ ހިދުމަތް ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

Ad
rt

މި އެއްބަސްވުމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަހީގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ނެޓްވޯކު މައްސަލައަށް ހައްލު ލިބޭނެއެވެ. އަދި މީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި ވިޔަފާރިތަކަށް ކުރިއަށް އޮތް ތަނުގައި އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތަކެއް ވާނެއެވެ.

އޯޕަން އެކްސެސް ނެޓްވޯކަކީ އިންޓަނެޓް އަދި ޓީވީ ފަދަ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތައް އެއް ވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭގޮތަށް އެޗްޑީސީން ފަރުމާ ކޮށްފައިވާ ނެޓްވޯކެކެވެ. މި ވިއުގައިގެ ދަށުން މިހާތަނަށް ދިރާގާއި މީޑިއާ ނެޓުން ވެސް ވަނީ ހިދުމަތް ދޭން ފަށައިފައެވެ.