ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް، ގދ. ތިނަދޫގައި އިންތިޒާމުކުރެއްވި ޖަޒީރާހޮޅުއަށީގައި ދެކެވުނު ވާހަކަތަކާއި ހުށަހެޅުނު ޚިޔާލުތަކާއި ކުރިމަތިކުރެވުނު ސުވާލުތަކަށް ބަލާއިރު، ލާމަރުކަޒުކުރުމުގެ މަންފާވެރީންގެ ކިބައިގައި "ތަރައްގީ" އާއި ލާމަރުކަޒުކުރުމާއި ގުޅުމެއް އޮތްކަމަކަށް ނުބެލެވެއެވެ.

ތަރައްގީއަކީ ތިމާމެން އަމިއްލަޔަށް ބާރުވެރިވެ، އަމިއްލަފައިމައްޗަށް ތެދުވެ، އަމިއްލަޔަށް ގެންނަންޖެހޭ އެއްޗަކަށްވުރެ ބޮޑަށް، ސަރުކާރުން ކޮށްދޭ ކަންތަކެއްގެ މައްޗަށް - ރަސްކަމެއްގައި އޮންނަ ބީދައިން އޮންނަ އެއްޗެއްކަމުގައި ސިފަކުރެވޭހެން ހީވިއެވެ.

Ad
rt

ބައެއްކައުންސިިލަރުންވެސް ބައްދަލުވުމުގައި ވާހަކަދައްކަވަން ފެއްޓެވުމުން އަޅުގަޑު ހިތަށް އެރީ، ހުވަދު އަތޮޅުގައި ހުވަދޫ ފިޝަރީޒް އިންސްޓިޓިއުޓެއް ގާއިމުކޮށް، މަސްވެރިކަމުގެ ދާއިރާއިން ދިރާސާކުރުމާއި މީހުން ބިނާކުރުމުގެ މަސައްކަތްކުރުމަށް ރައީސްގެ އެހީތެރިކަމަށް އެދޭނެ ކަމަށެވެ.

އަދި ހަމައެގޮތަށް ހުވަދޫ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ގާއިމުކޮށް، މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނުކުރުމާއި އެހެނިހެން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނުކުރެވޭނެގޮތް އަތޮޅު ފެންވަރުގައި ހަމަޖައްސަވާ ދެއްވުމަށް ދަންނަވާނެކަމަށް ވެސް އުންމީދު ކުރީމެވެ.

އަދި އަތޮޅުގެ އައިސްޕްލާންޓާއި ތެޔޮރައްކާކޮށް ގުދަންކޮށް ވިއްކުންވެސް އަތޮޅުކައުންސިލްއަށް އާމްދަނީ ލިބޭ ވަސީލަތެއްގެ ގޮތުގައި އަތޮޅު ކައުންސިލާއި ހަވާލު ކުރަން ދަންނަވާނެ ކަމަށެވެ.

އަތޮޅު ކައުންސިލުން މިފަދަ ކަންކަން ކުރުމަށް ބައިިނަލް އަގުވާމީ އެކިފަރާތްތަކާއި ހެޔޮއެދޭގައުމުތަކުން ބޮޑެތި އެހީތެރިކަން ލިބޭނެއެވެ. މިކަމުގައި ސަރުކާރަށް ވަރަށް ބޮޑު އެހީތެރިކަމެއް ކައުންސިލް ތަކަށް ދެވޭނެއެވެ.

ސަރުކާރުން މިފަދަ ކަންކަމަށް ޚަރަދު ކުރާނީ ރައްޔިތުންނަށް ދޭ އެހީއެއްގެ ގޮތުގައެއް ނޫނެވެ. އެއަތޮޅުން ދައުލަތަށްލިބޭ ޓެކްސްގެ ތެރެއިން އަތޮޅުގެ ދެމެހެއްޓެނިވި ތަރައްގީއަށް ކަނޑައަޅާ މިންވަރު އަތޮޅު ކައުންސިލަށް ދީގެންނެވެ. ތަރައްގީއާއި ލާމަރުކަޒު ކުރުމުގެ ވާހަކަ ތަންކޮޅެއް ފުޅާކޮށް މާނަހުރިގޮތަކަށް ދައްކަން އެބަޖެހެއެވެ.