ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.

އިއްޔެ ފައިނުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް އިފުތިތާހު ކޮށްދެއްވާފައިވަނީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ނާސިފް އަދި ފައިނުގެ ކައުންސިލުގެ ރައީސް މޫސާ އުމަރުމަނިކެވެ.

Ad
rt

އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަސި މިހާރު ކުރިއަށްދަނީ ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތެވެ.

އެ ކުންފުނިން ބުނިގޮތުގައި ފެން ޕުލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 60 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

މިއީ 63.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފައިނުގައި 5.37 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފައިނުގައި 4.8 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ގާއިމުކުރުމާއި 1.59 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި އަދި ސީ އައުޓް ފޯލް ގާއިމުކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭނެއެވެ.