ރ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން އިފްތިތާހު ކޮށްފިއެވެ.
މިއަދު އިންނަމާދޫގައި ބޭއްވި ރަސްްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އާއި، މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އާއި އިންނަމާދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒުމީންއެވެ.
މި ރަސްމިއްޔާތުގައި ރ. އަތޮޅު ކައުންސިލް ރައީސް ހުސައިން ނާސިފް އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު އަންނަނީ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ކަމަށާއި ފެން ޕްލާންޓު ބިލްޑިންގެ މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ އިމާރާތެއް ހެދުމާއި، ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެން ރައްކާކުރަން ތިން ތާންގި ބަހައްޓައި އެ ރަށުގެ ގެތަކުގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.
މީގެ އިތުރުން ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
މިއީ 50.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!