ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ނިންމައި މިނިސްޓްރީއާއި ހަވާލުކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އައިޝަތު މުހައްމަދުދީދީއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތު ނުކޮށް ހުންނަތާ ގިނަ ދުވަސްވެފައިވާއިރު ސްޓެލްކޯއިން ކޮށްދިނީ އަގުހުރި މަސައްކަތެއް ކަމަށެވެ. ސްޓެލްކޯއިން ކޮށްދިން މި މަސައްކަތުގެ ސަބަބުން އެތަނުގައި އުޅޭ މީހުންގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިވަގުތުވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާއި ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލީފުތަކަށް ބަދަލެއް މިގެނެސް ދެވުނީ. އެއީ ކަންނޭނގެ ތިބޭފުޅުން ތިކުރައްވާ އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ” މިނިސްޓަރު ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ކުރި މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ހާއްސަ އުފަލެއް ލިބިގެންދާ ކަމަށެވެ. އަދި މުޖުތަމައުގެ މަންފާއަށް ސްޓެލްކޯއިން އަބަދަުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މި ކުންފުންޏަކީ މިހާރު އަޅުގަނޑުމެންނާ އެއްކޮށް، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން” މުޣުނީ ވިދާޅުވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތު ކުރުމަށް ސްޓެލްކޯއިން ކުރި މަސައްކަތްތަކުގެ ތެރޭގައި އެ ބްލޮކްގައި ހުރި ދެ ފާހާނާ ކޮޓަރީގެއާއި ފާހާނާ ބަރީގައި ހިމެނޭ ހަ ފާހާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި އެތަނުގައި މިހާރު ސިންކް ބޭނުން ކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓް ކޮށް ބެއްދުން ހިމެނެއެވެ. އަދި ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއައް ތަނބުލާފައި މިހާރު ހުރި އައްޓާއި ގުޅުވައިގެން ހެދުމާއި އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރަށްވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި އެ މުޅި އަށީގައި ޓައިލްސް ޖަހައި ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލްއެއް ބޭނުންކޮށްގެން ބެއްދުމާއި ޕެސްޓް ކޮންޓްރޯލްކޮށް އެތަނުގައި ބަދަލު ކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި އެތަނުގައި ހުރި 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރުކުރުމާއި އެމުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ވެސް ސްޓެލްކޯއިން ވަނީ ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!