އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.
މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި، އިންޑިއާ ކަނޑުގެ ކެޓަގަރީން ހަތަރު އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ. މީގެ ތެރެއިން އެންމެ ހާއްސަ އެވޯޑަކީ އެންމެ މަގުބޫލު މަންޒިލެވެ. މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި ރާއްޖެ އިން މި އެވޯޑު ހާސިލު ކުރި 13 ވަނަ ފަހަރެވެ.
ރާއްޖެ އަށް ލިބުނު އިތުރު އެވޯޑުތަކުގެ ތެރޭގައި ލީޑިން ބީޗް ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން ހިމެނެއެވެ. މި ސަރަހައްދުގެ ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑު ކާމިޔާބު ކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހޮވުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި މި ކަމުގައި ޓޫރިޒަމް ދައިރާގެ އެންމެންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މި އަހަރުގެ ޓްރެވެލް އެވޯޑުގައި ރެކޯޑު އަދަދަކަށް ވޯޓު ވަނީ ލިބިފައެވެ. އެހެންކަމުން މިއިން ދައްކުވައި ދެނީ ރާއްޖެއަކީ ފަތުރުވެރިން ގަބޫލު ކުރާ ރައްކާތެރި މަންޒިލެއް ކަން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ވޯލްޑް ޓްރެވެލް އެވޯޑުގައި ރާއްޖެ އިން ކޮންމެ އަހަރަކު ވެސް ތަފާތު އެވޯޑުތައް ހާސިލުކުރެ އެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓް ރިސޯޓާއި އެންމެ މަގުބޫލް ހަނީމޫން ރިސޯޓާއި އެންމެ މަގުބޫލް ރޮމޭންޓިކް ރިސޯޓާއި އެންމެ މަގުބޫލް ލަގްޒަރީ އައިލެންޑް ރިސޯޓު ހިމެނެއެވެ.
މި އެވޯޑުގައި ރާއްޖެ އަށް އެންމެ ޝަރަފުވެރި އެވޯޑު ލިބުނީ މިދިޔަ އަހަރެވެ. އެއީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!