އޮޑިޓް އޮފީހުގެ ގިނަ މަސައްކަތްތައް އަތޮޅުތަކުގައި ހުރިއިރު އަތޮޅުތަކަށް އިސްކަންދޭންޖެހޭ: ވަހީދު

MP Waheed

އޮޑިޓާ ޖެނެރަލް އޮފީހުގެ ގިނަ މަސައްކަތްތަކެއް އަތޮޅުތަކުގައި ހުރިއިރު މާލޭގައި ހުންނަ އޮޑިޓް އޮފީސް ފުރެންދެން މުވައްޒަފުންލައިގެން ތިބުމުގެ ބަދަލުގައި، އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީސްތަކަށް އެކަށޭނަ މުވައްޒަފުން ހަމަޖައްސައި އަތޮޅުތަކަށް އިސްކަންދޭންޖެހޭ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ 2022 ވަނަ އަހަރުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ވައްޑޭ ވިދާޅުވީ، އޮޑިޓް އޮފީހަށް ބަޖެޓު ދިނުމާއި އަދި އޮޑިޓް އޮފީހުން އެދޭ ކަންކަން ކޮށްދިނުމުގައި ސަރުކާރާއި ރައްޔިތުން މަޖިލީހުގެ ތެރެއިން ގޮންޖެހުންތައް ހުންނަކަން ކުރިން ނޫސްތަކުން ވެސް ފެންނަމުން ދިޔަކަމަށެވެ.

އެހެންނަމަވެސް އޭގެ ބަދަލުގައި މިއަދު ފެންނަނީ، އޮޑިޓް އޮފީހުގެ މަސައްކަތުގެ މާޙައުލު ފަހިވެގެންދާގޮތަށް ބަޖެޓު ވެސް އަދި އެހެނިހެން ކަންކަން ވެސް ހަމަޖެހިގެންދާ ތަންކަމަށެވެ.

"މި ބަދަލާއި އެކުގައި ރައްޔިތުން އުއްމީދުކުރާ ކަމެއް އޮވޭ. ރައްޔިތުން އެބަ ބޭނުންވޭ، ޙަޤީޤަތުގައި އެ މާޙައުލު އެ ބޭފުޅުންނަށް ފަހިވި ގޮތަށް، ރާއްޖޭގެ ކައުންސިލުތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތް ހަލުވިކުރެވި، އެ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އަވަސްވެގެންދާނެ ގޮތެއް ވެގެންދިޔުން، އަދި އޮޑިޓުގައި މިހާރު ފާހަގަކުރާ ކަންކަން ކުރިއަށް އޮތް ތަނުގައި ފާހަގަނުވާނެ ގޮތަކަށް ކަންކަން ބަދަލުވެގެންދިޔުން." ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ އޮފީހެއް އެޅުމަށް ޓަކައި އޮޑިޓް އޮފީހަށް ބަޖެޓް ބޭނުންވެގެން އެދިފާވާކަމަށެވެ. އަދި މަސައްކަތްކުރަމުން ދަނީ މާލޭގައި ބޮޑެތި އޮފީސްތައް އަޅައިގެން، ވަރަށް ބައިވަރު މުވައްޒަފުންތަކެއް ބޭނުންކޮށްގެން ކަމަށާއި، ނަމަވެސް ހަގީގަތުގައި އޮޑިޓަރ ޖެނެރަލް ކުރަންޖެހޭ ގިނަ އޮޑިޓްތައްހުރީ ރާއްޖޭގެ އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ، ސަރަޙައްދީ އޮފީސްތަކުގައި ތިބެންޖެހޭވަރަށް މުވައްޒަފުން ތިބީ. އަދި ރަނގަޅު ފެންވަރުގެ މުވައްޒަފުންނަށް ފުރުޞަތު ލިބޭނެ ގޮތަކަށް އެކަން ބަދަލުކުރަން އެބަ ޖެހޭ. މާލޭގައި ހުންނަ އޮފީސް
ފުރެންދެން މުވައްޒަފުން ލައިގެން މަސައްކަތްކުރާއިރުގައި އަތޮޅުތެރޭގައި ވަރަށް މަދު މުވައްޒަފުންކޮޅެއް ބޭނުންކޮށްގެން ގިނަ ކައުންސިލުތަކެއް ވެސް އޮޑިޓުކުރަން މި ޖެހެނީ،" ވައްޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަރަށްގިނަ ރައްޔިތުން އަދި ޚާއްޞަކޮށް އަތޮޅުތެރޭގެ ރައްޔިތުން މައިންބަފައިންނާއި އަދި ދަރިން ގާތުގައި ތިބެގެން ވަޒީފާ އަދާކޮށްލާނެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ. އެހެންކަމުން މާލޭގައި ހުންނަ އޮޑިޓް އޮފީހުގައި ގިނަ މުވައްޒަފުން ބޭތިއްބުމުގެ ބަދަލުގައި ސަރަހައްދީ އޮޑިޓް އޮފީސްތަކުގައި ވެސް އެކަށޭނަ މުވައްޒަފުން ތިބޭނެގޮތް ހަމަޖެހެން ޖެހޭކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ވައްޑޭ ފާހަގަކުރެއްވި ގޮތުގައި ސަރަޙައްދީ އޮޑިޓް އޮފީސްތައް ރަނގަޅަށް ހިންގޭނަމަ، މާލޭ އޮޑިޓް އޮފީހުގައި މިހާރުތިބިވަރަށް މުވައްޒަފުން ބައިތިއްބައިގެން އަދި ބޮޑެތި އޮފީސްތައް ހަދައިގެން މަސައްކަތްކުރަން ނުޖެހޭނެ ކަމަށެވެ.

"އެ ބޭފުޅުންގެ މެންޑޭޓްގައި ވަރަށް ބޮޑަށް އެބަ ފާހަގަކުރޭ، ގުޑް ގަވަރނަންސަށް މަސައްކަތްކުރުން. ޙަޤީޤަތުގައި ރިކަރަންޓް ޚަރަދު ބޮޑުކޮށް ބަޖެޓް ފާސްކުރުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބަލަންވީ، އެ ބޭފުޅުންނަށް މި ދެންނެވި ގޮތަށް ކަންކަން ހިންގުމަށް ޓަކައި ބަޖެޓް އިތުރުކޮށްދިނުމަށް. އެ ބޭފުޅުން ހިންގަންޖެހޭ ޓްރެއިންތައް ހިންގުމަށް، އެ ބޭފުޅުންނަށް އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް،" ވައްޑޭ ވިދާޅުވިއެވެ.

ބޮޑެތި އޮފީސްތަކާއި އަދި އިދާރީ ހިންގުމުގެ ޚަރަދުގެ ގޮތުގައި ބަޖެޓްގައި ބޮޑެތި އަދަދުތައް ދިނުމުގެ ބަދަލުގައި އޭނާ ފާހަގަކުރެއްވި ގޮތައް އެ ކަންކަމަށް މަސައްކަތްކުރެވޭ ނަމަ، ޙަޤީޤަތުގައި ދައުލަތުން ގެއްލޭ ފައިސާ ވެސް އަދި ދައުލަތުގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުންކުރުން ވެސް ހުއްޓިގެންދާނެ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވަނީ ނިމިފައިވާ އޮޑިޓްތަކުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލުންވެފައިވާ ކަމަށާއި، އެތައް ގޮތަކުން ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ބޭރުން ކަންކަން ކޮށްފައި ހުރިކަން ވެސް ފެނިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމެސް ގެއްލުނު ފައިސާ ރައްޔިތުންނަށް ހޯދާދެވިފައި ނުވާކަމަށާއި އަދި އުސޫލުން ބޭރުން ކަންކުރި މީހާއަށް އަދަބެއް ވެސް ނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ވައްޑޭ ވިދާޅުވީ، މިހާރު ޢަމަލުކުރެވޭ ނިޒާމު ބަދަލުކުރަން ޖެހިފައިވާ ކަމަށާއި، އެފަދަ ކަންކަން ހިންގުމަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އޮޑިޓަރ ޖެނެރަލްގެ މަސައްކަތް ވާންޖެހޭ ކަމަށެވެ. އަދި އަބަދު އެ ކަންކަން ފާހަގަކުރެވި އެ އަދަދުތައް ޖެހުމުގެ ބަދަލުގައި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ނުހިނގާނެ ގޮތަކަށް މަސައްކަތްކުރެވޭތޯ ބަލަން ޖެހިފާވާކަމަށް ވެސް ވައްޑޭ ވިދާޅުވިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރުގެ ބަޖެޓްގައި 90 މިލިއަން ރުފިޔާ ހިމަނަން ފާސްކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި