މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “ހިނިތުންވުމާއެކު”ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މިއީ މި މަހުގެ 4 އިން 8 އަކަށް ފާހަގަ ކުރި ”ދުނިޔޭގެ ކަސްޓަމަރ ސަރވިސް“ ހަފުތާއާއި ގުޅުވައިގެން ފެށި ކެމްޕޭނެކެވެ. މި ކެމްޕެއިންގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީގެ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތު މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ އެކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އޭނާ ވިދާޅުވީ އެމްޓީސީސީއަކީ މިޤައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ރައްޔިތުންނަށް ސީދާގޮތުން ހިދުމަތްދެމުންދާ ކުންފުންޏެއްކަމުން ކަސްޓަމަރުން ހިތްހަމަޖެހޭ ހިދުމަތް ދިނުމަށް ކުންފުނީގެ ކޮންމެ މުވައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ.

”ހިނިތުންވުމާއެކު“ ކެމްޕެއިން ފެށުމުގެ ގޮތުން މި މަހުގެ 28އާ ހަމައަށް ބަހާލައިގެން ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.