ޖަލުގެ ތެރޭގައި ގައިދީއަކަށް އަނިޔާއެއްކޮށްފިކަމަށްވާނަމަ އެ އޮފިސަރަކު ދެން އޮފިސަރެއްގެ ގޮތުގައި ނުހުންނާނެކަން ހުރިހާ އޮފިސަރުންނަށް ވަރަށް ސާފުކޮށް އެނގޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދާ މަޖިލިސް ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި، މަޖިލިސް ތަޅުމަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރެއިން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އިމްރާނަށް ސުވާލު ކުރިމަތި ކުރައްވަމުން ސައްލެ ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގައި އަނިޔާކުރުމުގެ ވާހަކައަކީ ކުރިން ބިރުވެރި ވާހަކައެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޖަލުތަކުގައި މިހާރު މިފަދަ އަނިޔާވެރި އަމަލުތައް ނުހިނގާނެ ކަމުގެ ޔަގީންކަށް ދެއްވާފާނަންތޯ ސައްލެ ވަނީ ސުވާލު ކުރައްވާފައެވެ.
ސައްލެގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގައި އަނިޔާ ނުކުރުން އަދި އެކަން ހުއްޓުވުމަކީ މިސަރުކާރުގެ ވަރަށް ބޮޑު ވަޢުދެއް ކަމަށެވެ. އަދި އެކަމަށްޓަކައި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުގެ އޮޑިޓް ރިޕޯޓެއް ހަަދައި ފާހަގަ ކުރެވުނު ކަންކަން ދަނީ މުރާޖައާކޮށް ބަލަމުން ކަމަށެވެ.
"ހަފުތާއަކު ދެ ފަހަރު މީޓިންތައް ބާއްވާ އޭގެތެރެއިން ބަޖެޓާއި، ޤާނޫނާއި އަދި އެހެނިހެން ވެސް ގެންނަންޖެހޭ ބަދަލުތައް ބަލައި މަސައްކަތް ކުރަމުން އެބަ ގެންދަން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގައި އެންމެ ފުރަތަ ޖަލުގައި ތެރެއިން އެޓެންޑްކުރި ކަމަކީ ޖަލުގެ ތެރޭގައި ކުރެވިގެންދާ އަނިޔާ ހުއްޓުވުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ހަމަ ޖަލުގައި އޮފިސަރުންގެ ގޮތުގައި ވެސް ތިބެނީ ދިވެހިން، ފަހަރެއްގައި ދިވެއްސެއްގެ ކިބާގައި ހުރެދާނެ އާދައެއް ނުވަތަ ކޮށްފާނެ ކަމެއް ހުރެދާނެ، އެކަމަކު އަޅުގަނޑުމެން ކަށަވަރުކުރާ އެއްކަމެއް ވަރަށް ސާފުކޮށް އެބައޮތް، ޖަލުގެ ތެރޭގައި ގައިދީއަކަށް އަނިޔާއެއްކޮށްފި ކަމަށްވާނަމަ އެ އޮފިސަރަކު ދެން އޮފިސަރެއްގެ ގޮތުގައި ނުހުންނާނެކަން ހުރިހާ އޮފިސަރުންނަށް ވަރަށް ސާފުކޮށް އެނގޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
އެފަދަ ދެތިން ހާދިސާއެއް ހިނގައިފި ކަމަށާއި، އެ އޮފިސަރުންނާއި މެދު ފިޔަވަޅުއަޅައި، ބައެއް އޮފިސަރުން ވާނީ ވަކިކޮށްފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މެންބަރަކު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި ގައިދީއަކު މަރުވި މައްސަލައިގައި ކަރެކްޝަންސްއިން އިހުމާލު ވެފައިނުވާ ކަަމަށް ވެސް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!