ދިވެހިރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޮކޯބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައި އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާން މިކަން އިއުލާނުކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ކައުންޓްޑައުން ފެށުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން އޮކްޓޯބަރު 3 ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ އެއީ ރާއްޖޭގައި ފުރަތަމަ ރިޒޯޓް، ކުރުނބާ ވިލެޖް ހުޅުވި ދުވަހަށް ވާތީއެވެ.

Ad
rt

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް އަދި ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރިކަން މުޅިރާއްޖެއަށް ފަތުރައިލުން ކަމަށާއި އެކަން ކުރުމަށް ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމާއި ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ޒަމާނީ މުއާސަލާތީ ހިދުމަތްތައް ތަރައްގީ ކުރުން ހިމެނޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި

ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފުޅާ ކުރުމަށާއި އޭގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

“ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކޮންމެ ކަމަކީ، ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމެއް” ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ތައާރަފުކޮށްފައިވާ ލަވަ ވެސް ރައީސް ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.