ހެއްކާބެހޭ ބިލުގައި ހިމެނޭ ނޫސްވެރިކަމުގެ އިމްތިޔާޒުގެ އުސޫލާގުޅޭ ބައި މުރާޖަޢާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުޙަލާގައި ކުރިއަށްގެންދާނެކަމަށް އެޓަރނީ ޖެނެރަލްގެ އޮފީސް (އޭޖީ) އިން ވިދާޅުވެއްޖެ އެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހެއްކާބެހޭ ބިލުގެ ނޫސްވެރިކަމުގެ އިމްތިޔާޒުގެ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، ނޫސްވެރިންނާއެކު ކުރެވޭ މުޢާމަލާތަށް ލިބިދޭ އިމްތިޔާޒުގެ ދާއިރާ ކަނޑައަޅާފައިވާއިރު، މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމުގެ ޢާންމު މަޞްލަޙަތު ބޮޑު ކަމަށް ޝަރީޢަތަށް ބުރަވެވޭ ޙާލަތްތަކެއްގައި އެ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރެވޭ އުސޫލެއް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، އެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ޙާލަތްތައް ކަމުގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކުރުމާއެކު، މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށެވެ.
އެމާއްދާ އުނިކުރުމަށް ރާއްޖެ އާއި އަދި ބޭރުގެ ބައެއް ޖަމިއްޔާތަކުން ގޮވާލަމުންދާއިރު ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ އެ މާއްދާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހެއްކާބެހޭ ބިލުގައި، ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާގެ ސަބަބުން ނަހަމަ ގޮތުގައި މަސްދަރު ހާމަކުރަން އެ މާއްދާ ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންވެސްވަނީ ކަންބޮޑުވުން ފާޅުކޮށް އެ މާއްދާ އުނިކުރުމަށް ގޮވާލާފަ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލުގައި ވަނީ ޝަރީއަތް މެދުވެރިކޮށް ނޫސްވެރިންގެ މަސްދަރު ހާމަކުރެވިދާނެ ހާލަތްތަކެއް ކަނޑައަޅައި ބަޔާންކޮށްފަ އެވެ. އެ މާއްދާއާ ގުޅިގެން އެމްއެމްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މާއްދާއަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭފަދަ މާއްދާއެއް ކަމަށެވެ.
އެމްއެމްސީގެ ބަޔާނުގައި ވަނީ އެ މާއްދާ އެގޮތަށް އޮވެ، މިހާރު ބަހުސް މަރުހަލާގައި އޮތް އެ ބިލު ފާސްވެއްޖެނަމަ ގާނޫނުއަސާސީއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެކަމަށް ބުނެފަ އެވެ.
އަދި އެފަދަ ގޮތަކަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގްވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި އެމްއެމްސީގެ ބަޔާނުގައި ވެ އެވެ.
އެހެންކަމުން 2016 ވަނަ އަހަރު އައި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން ރާއްޖޭގެ މީޑިއާތަކަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާބެހޭ ބިލުން ވެސް ފާހަގަކުރެވުނު ބައިތައް އުނިކުރުމަށް ކައުންސިލުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ގޮވާލާފަ އެވެ.
އަދި އެ މައްސަލައިގަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި އެ މާއްދާ އިސްލާހު ކުރަން ކުރަންޖެހޭ އެންމެހާ ކަމެއް ކުރުމަށް މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި ފާސްކޮށްފައިވާކަމަށް ވެސް އެމްއެމްސީގެ ބަޔާނުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!