އަންނަ މަހުގެ އަށްވަނަ ދުވަހު އުރީދޫ މޯލްޑިވްސް އިން އައިފޯން 13 ގެ ފޯނުތައް ޕްރިއޯޑަރަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ފޯނުތައް ޕްރިއޯޑާ ކުރެވޭނީ އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ.
އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯނު 13ގެ ފޯނުތަކުގައި އެންމެ ބޮޑު ބަދަލެއް ފެންނާނީ ކެމެރާއިންނެވެ. އެގޮތުން އެހެން އައިފޯނުތަކާ އަޅާބަލާއިރު އާ އައިފޯނުތަކުގެ ވީޑިއޯ ކޮލިޓީ ވަރަށް ބޮޑަށަ ރަނގަޅުވާނެއެވެ.
އައިފޯން 13 ޕްރޯގައި އޭ 15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފައެވެ. ކެމެރާތަކަށް ގެނައި މި ބަދަލާއެކު ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ކޮލިޓީ ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ.
މިއީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނެވެ. އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް ބެޓެރީ ހިފަހައްޓާނެ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.
އައިފޯން 13 ޕްރޯގެއަގު ފެށެނީ 999 ޑޮލަރު (ގާތްގަނޑަކަށް 15،500ރ. ) އަށެވެ. އަދި ޕްރޯ މެކްސް ފެށޭ އަގަކީ 1099 ޑޮލަރު (ގާތްގަނޑަކަށް 17،000ރ.) އެވެ.
މި ފޯނުތަކުގެ ސްޓޮރޭޖް އެއް ޓެރަބައިޓާ ހިސާބަށް ލިބޭނެއެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.
އައިފޯން 13 އާއި މިނީގައި ވަނީ ކުރީގެ ފޯނުތަކާ އަޅާބަލާއިރު ޕަފޯމަންސް ވަރުގަދަކޮށްފައެވެ. އެގޮތުން، ފޮޓޯ އާއި ވީޑިއޯގެ ފެންވަރު މަތިކޮށްފައިވާއިރު ނޮޗް ވެސް ވަނީ ކުޑަކޮށްފައެވެ.
އައިފޯން 13 މިނީގެ ފެށޭ އަގަކީ 699 ޑޮލަރު (ގާތްގަނޑަކަށް 10،800ރ.) އެވެ. އައިފޯން 13 ގެ ފެށޭ އަގަކީ 799 ޑޮލަރު (ގާތްގަނޑަކަށް 12،400ރ.) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!